ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފު ނުވާނެ ގޮތުގެ މަތީން، ރާއްޖޭގައި ހިނގާ ޚަބަރުތައް ގެނެސްދިނުމުގެ މިނިވަންކަން ރާއްޖޭގައި ލިބިދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ހޯމް މިނިސްޓައު އަޒްލީން އަހްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ ވަރަށް މުހިންމު ދައުރެއް ކުޅޭ އެއްޗެއް ކަމަށާއި، އެ ނޫސްވެރިން އަދާކުރާ ދައުރަކީ ގައުމުގައި ހިނގާ ހުރިހާ ކަމެއްގެ ޚަބަރު އާންމުންނާ ހަމައަށް ގެނެސްދީ، އެކިއެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނު ހުއްދަކުރާ އެންމެ ފުޅާ ދާއިރާއެއްގައި، ކަންކަމުގެ ހަގީގަތާ އެއްގޮތަށް، އެކި ފަރާތްތަކުގެ އަބުރާއި ކަރާމާތަށް ގެއްލުން ނުވާ ގޮތުގެ މަތިން ޚަބަރު ގެނެސްދިނުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާގައި އޮންނަންޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވީ، އެ މިނިވަންކަން އެންމެ ފުޅާ ދާއިރާގައި ލިބިދީފައިވާ ކަމަށެވެ.

"އެހެންކަމަށް ވުމާ އެކު، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ތެރެއިން ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ގައުމުގައި ހިނގާ ޚަބަރުތައް ގެނެސްދިނުމުގެ މިނިވަންކަން ވަނީ އެންމެ ފުޅާ ދާއިރާއެއްގައި ލިބިދީފައި،" އަޒްލީން ވިދާޅުވިއެވެ.

އަދި މިނިސްޓަރު ވިދާޅުވީ ޚަބަރުތައް ގެނެސްދިނުމުގައި ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުންވެސް އެންމެ ފުޅާ ދާއިރާގައި ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.