03 May 2017, 23:54
ރަމަޟާން މަހާ ދިމާކޮށް މިފްކޯއިން "ފަސްމީރު އޮބިނޯވޭ"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިފްކޯ މަސްފިހާރައިގައި މިއަދު ބޭއްވި ހަފްލާއެއްގައި މިފްކޯގެ ހެޑް އޮފް ޕްރޮކިއުމެންޓް މުހައްމަދު ލަމްއާން ވިދާޅުވި ގޮތުގައި، ފަސްމީރަކީ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށް އުޅޭ އެންމެ ގިނަ ދުވަސްވީ ބްރޭންޑަށް ވީ އިރު، މިފްކޯއިން ބޭނުންވަނީ އެ ބްރެންޑުގެ ޕްރޮޑަކްޓުތައް މެދުވެރިކޮށް ކަސްޓަމަރުންނާ ގާތް ގުޅުމެއް އުފެއްދައި، އެ ގުޅުން ބަދަހިކުރުމަށް ކަމަށެވެ.
މިފްކޯ މަސް ފިހާރަ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ލަމްއާން ވިދާޅުވީ ކުރިޔަށް އޮތް ރަމަޟާން މަހާ ގުޅުވައިގެން ފެށި "ފަސްމީރު އޮބިނޯވޭ" ޕްރޮމޯޝަނުގެ ދަށުން، ގަންނަ ކޮންމެ ފަސްމީރު މަސްދަޅަކަށް ކޫޕަނެއް، އަދި މަސް ކޭހެއް ގަންނަ ނަމަ އޭގައިވާ 48 މަސްދަޅަށް ވާ ކޫޕަން ލިބޭނެ ކަމަށެވެ.
އެ ކޫޕަން ފުރުމަށްފަހު މިފްކޯ މަސްފިހާރަ، އަދި ގަލޮޅާއި ހުޅުމާލޭގައި ހުންނަ މިފްކޯގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯ ސުޕަމާޓުގައި ހުންނަ ފޮއްޓަށް ވައްޓާލަން ޖެހެއެވެ.
މިފްކޯ "ފަސްމީރު އޮބިނޯވޭ" ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގައި މިފްކޯގެ ހެޑް އޮފް ޕްރޮކިއުމެންޓް ލަމްއާން ވާހަކަ ދައްކަނި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މިރެއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަނުގެ ފަހު ދުވަހު ގުރުއަތުލައިގެން ހޮވޭ ތިން ފަރާތަކަށް އުމްރާ ދަތުރެއް އިނާމެއްގެ ގޮތުގައި ލިބޭނެއެވެ.
އޭގެ އިތުރުން ހޮވޭ ހަތް ނަސީބުވެރިއަކަށް ޓީވީއާއި ރެފްރިޖަރޭޓަރު ފަދަ އަގުހުރި އިނާމުތައް ލިބޭނެކަމަށް މިފްކޯޢިން ބުނެއެވެ.
ލަމްއާން ވިދާޅުވީ ރޯދަ މަހަށް ޚާއްސަކޮށްގެންވެސް މިފްކޯގެ އެހެނިހެން ޕްރޮމޯޝަނުތައް ކުރިޔަށް ދާނެ ކަމަށެވެ. އަދި ރޯދަމަހަކީ ބާރުބޮޑު މަހެއް ނަމަވެސް، މިފްކޯގެ ހުރިހާ ޕްރޮޑަކްޓެއް ހުސްނުވެ ލިބެމުން ދާނެކަމަށެވެ.