އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މިއަދު މެޗުން ބެންގަލްދޭޝްގެ އަބަހަނީ ލިމިޓެޑް އަތުން ގުރޫޕްގެ އެއްވަނާގައި އޮތް ބެންގަލޫރު އެފްސީ ބަލިވެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް ބޮޑުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އަބަހާނީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެނެވެ.

އެ ނަތީޖާއާއެކު ގުރޫޕް އީގައި މިއަދު މޯހަން ބަގާން އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވި މާޒިޔާއާއި މިއަދު އަބަހާނީ އަތުން ބަލިވި ބެންގަލޫރު އެފްސީ ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ކޮންމެ ޓީމަކަށްވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު ބެންގަލޫރަށް ކުރި ލިބެނީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައި އޮތުމުންނެވެ.

އޭއެފްސީ ކަޕްގެ ގަވާއިދުގައިވާ ގޮތުން، ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެނަމަ، ބަލާނީ ހެޑް-ޓު-ހެޑް އަށެވެ. އެގޮތުން ވެސް އެއްވަރުވެއްޖެނަމަ، ބަލާނީ ފައިދާ ގޯލަށެވެ. ފައިދާ ގޯލުން ވެސް އެއްވަރުވެއްޖެނަމަ، ބަލާނީ ގޯލު ޖެހި އަދަދާއި ބައިކޮޅަށް ވަން އަދަދަށެވެ.

މިއަދުގެ މެޗުގައި އަބަހާނީ ޓީމުން ކުޅެމުންދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި ކާމިޔަބުކޮށްދިނީ ސާޑް އުޑިން އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޖޮނަތަން ބްރައުން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އަބަހާނީން ލީޑު ފުޅާކުރީ މެޗުގެ ފަހުވަގުތުގައި ބެންގަލޫރު އެފްސީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ކީޕަރު ބޯޅަ ހިފައިގެން ކުރިއަށްއަރާ ހުރި ވަގުތު އޭނާ އަތުން ބޯޅަ ގެއްލުމުން އެ ބޯޅަ ހޯދާ ސެންޓަ ސާކަލް މަތިން އެ ގޯލް ކާމިޔާބުކޮށްދިނީ ރުބެލް މިޔާއެވެ.

މިމަހުގެ 17 ވަނަ ދުވަހު މާލޭގައި އަބަހާނީއާ ދެކޮޅަށް މާޒިޔާ ނުކުންނާނެއެވެ. މިއަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ މީގެކުރިން އަބަހާނީއާ ބައްދަލުކޮށްފައިވާއިރު، އެ މެޗު ކާމިޔާބުކޮށްފައިވަނީ މާޒިޔާއިންނެވެ.