ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފުޓުބޯޅައިން ސަރަހައްދީ ފެންވަރުގައި ކާމިޔާބީތަކެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ކުލަބުތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޜަނުގެ ކުޅޭ ކުލަބުތަކުގެ އިސްވެރިންނާއި ފުޓްބޯޅަ އިދާރާގެ ވެރިން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްއާއެކު މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ކުލަބުތަކުގެ މެދުގައި ވާދަވެރިކަން އޮތްނަމަވެސް މަސައްކަތް ކުރަންވާނީ ގައުމަށް ފަހުރުވެރި ނަތީޖާތަކެއް ހޯދައިދިނުމަށް ކަަަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮމޯޝަނަލް ބަޖެޓުން ފުރަތަމަ ޑިވިޜަންގެ ކްލަބްތަކަށް ހަރަދުކުރާގޮތަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ހަމަޖެއްސެވީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާތީ ކަމަށާއި އަދި މިއީ އެ ކުޅުންތެރިންގެ މުސްތަގުބަލަަށް ކުންފުނިތަކުން ކުރާ އިންވެސްޓްމަންޓެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ފުޓުބޯޅަކުޅޭ ހުނަރުވެރި ކުޅުންތެރީން އެބަތިބި ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މޮޅެތި ކުޅުންތެރިން ބިނާ ކުރުން ކަމަށާއި ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވާދަވެރިކަން އޮންނަ މިންވަރަށް ކުޅުންތެރިން އުފެއްދުމަކީ އަމާޒެއް ކަމަށެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބްތަކަށް ހަރަދު ކުރުމަށް ހަަމަޖެއްސި ކުންފުނި ތަކުގެ އިސްވެރިންވެސް ބައިވެރިވެފައެވެ. އަދި ކުލަބުތަކުގެ ފަރާތުން ރައީސް ޔާމީނަށް ވަނީ އަގުވަޒަން ކުރުމުގެ ގޮތުން ފިލައެއް އަރުވައިފައެވެ.