09 Jul 2011, 22:51
އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް މާދަމާ ރޭ ދިވެހި ޤައުމީ ޓީމް ކުޅޭ މެޗުން އައްސަދު އަލީ )އަޑުބަރޭ( އަހުލާގީ މައްސަލައެއްގައި ޓީމުގެ ސްކޮޑުން ބާކީކޮށްފި އެވެ.
އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް މާދަމާ ރޭ 9:00 ގައި ކުޅޭ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުވުމަށް ކުޅޭ ރަހުމަތް ތެރި ކަމުގެ މެޗެކެވެ.
މެޗަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޓީމްގެ އެންމެ ފަހުގެ ފަރިތަކުރުންތައް މިރޭ ގަލޮޅު ދަނޑުގައި ނިންމާލުމަށްފަހު ޓީމްގެ މިނޭޖަރ އަލީ ވަހީދު )ބަލަކް( ވިދާޅުވީ، އަޑުބަރޭ ބާކީކުރީ އަހުލާގީ މައްސަލައެއްގައި ކަމަށާއި އެހެންނަމަވެސް އެކަމަކު އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ދެވެން ނެތް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޓީމްގެ ސްކޮޑުން އަޑުބަރޭ ބާކީ ކޮށްފައި ވާއިރު، އޭނާ މިރޭ އޮތް އެންމެ ފަހުގެ ފަރިތަކުރުމުގައި ވެސް ބައިވެރިވެފައެއް ނުވެއެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާގޮތުން އަޑުބަރޭ ޓީމުން ބާކީ ކޮށްފައި ވަނީ ޤައުމީ ޓީމްގައި އޭނާ ކުރިންވެސް ކުޅެމުން އަންނަ ނުވަ ނަންބަރ ޖޯޒީ އިންޑިއާ މެޗަށް ނިކުންނައިރު، ނުލިބޭތީ ޓީމްގެ މެނޭޖްމަންޓާއި ޖެހުނު މައްސަލައެއްގ އެވެ.
އެންމެ ފަހު ވަގުތު އަޑުބަރޭ ޓީމުން ބާކީކުރިއިރު، މިއަދު ޓީމްގެ ސްކޮޑަށް ނެގި އަލަށް ނެގި ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް )ދަނގަޑޭ( މިރޭގެ ފަރިތަކުރުން ތަކުގައި ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމްގެ ކޯޗް ޑިއޭގޯ ކްރިސިއާނީ ބުނީ މާދަމާ މެޗްގައި އަޝްފާގް ފެނުން ވަރަށް ގާތް ކަމަށާއި އޭނާ ޓީމާ ގުޅުމަކީ ޓީމަށް ލިބުނު ބޮޑު ހިތް ހަމަ ޖެހުމެއް ކަމަށެވެ.
އިންޑިއާ އާއި ރާއްޖެ މާދަމާ ރޭ ކުޅޭ މެޗަކީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ފަހު ސަރަހައްދީ ފުޓްބޯޅައިގައި ވާދަވެރި ދެ ގައުމު ކުރިމަތިލާ ފުރަތަމަ މެޗެވެ.
އިންޑިއާއާއި ދެކޮޅަށް ދިވެހި ޓީމް ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9:00 ގައެވެ.