ޔުނިކްސް ސްޕޯޓިންގްއިން އިންތިޒާމުކޮށްގެން މިއަހަރުގެ ފިތުރު ޢީދު ދުވަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއާ ބެލޫން އެރުވުމުގެ ހަރަކާތުގެ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވް ގޭހުން ސޮއިކޮށްފިއެވެ.

ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގައި މިއަދު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވް ގޭހުގެ މާކެޓިންގް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދާއި، ޔުނިކްސް ސްޕޯޓިންގްގެ މެނޭޖިންގް ޑިރެކްޓަރު ރޭޝަން ޝަރީފެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތް މި މަހުގެ 19 އަދި 20 ވަނަ ދުވަހު ބޭއްވުމަށް ފުރަތަމަ ތާވަލު ކުރެވުނު ނަމަވެސް، މިހާރު މިކަން ވަނީ ފިތުރު އީދު ދުވަހަށް ފަސްކޮށްފައެވެ. މި ހަރަކާތް އޮންނާނީ މާފަންނު ދަނޑު ސަރަހައްދުގައެވެ.

މިއަދު ކުރެވުނު އެއްބަސްވުމުގެ ދަށުން، ހޮޓް އެއާ ބެލޫން އެރުވުމަށް މޯލްޑިވް ގޭހުން ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަރަކާތް ކުރިޔަށްދާ ސަރަހައްދުގައި މޯލްޑިވް ގޭހުގެ ޕްރޮމޯޝަނަލް އިވެންޓުތަކެއްވެސް ކުރިޔަށް ދާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ހަރަކާތުގައި ތިން ހޮޓް އެއާ ބެލޫން ބޭނުންކުރާނެއެވެ. އަދި ކޮންމެ ބެލޫނެއްގައި ހަތަރު މީހުންގެ ޖާގަ އޮންނަ އިރު، އެ ބެލޫންތައް 200 ފޫޓު އުހަށް އަރާނެއެވެ.