03 May 2017, 21:22
ރާއްޖޭގައި މަތީ ތައުލީމު ދޭ ހަތަރު ކޮލެޖަކާއި، ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ތަޖުރިބާ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލްގެ މައި ބްރާންޗުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއި ކުރީ އެވިޑް ކޮލެޖާއި، ކްލިކް ކޮލެޖާއި މެޕްސް ކޮލެޖާއި ވިލާ ކޮލެޖުންނެވެ.
"ބީއެމްއެލް ޕްރޮސްޕެކްޓް - ކަނެކްޓިންގ ޓެލެންޓް ވިތް އޮޕަޗުނިޓީ" ނަމުގައި ހިންގާ އެ ޕްރޮގްރާމުގެ ދަށުން ކޮލެޖްތަކުގައި ކިޔެވުމުގެ އެންމެފަހު އަހަރުގެ ދަރިވަރުންނަށް ވަޒީފާގެ ބާޒާރަށް އަހުލުވެރިވުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. އަދި މިމުއްދަތުގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ދައްކާ ދަރިވަރުންގެ ތެރެއިން ބޭންކިންގ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް ބޭންކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
މީގެ އިތުރުން މި ފަސް ކޮލެޖުގައި ކުރިޔަށް ގެންދާ ބައެއް ކޯސްތަކަށާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސްކަތްކުރުމަށް އެއްބަސްވެވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ބޭނުންވަނީ ކޮލެޖް ނުނިމެނީސް، ދަރިވަރުން ހުނަރުވެރި ބަޔަކަށް ހެދުމަށް ބޭންކުގެ މުހިންމު ދައުރެއް އަދާކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޭބީއެމްއެލުން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްތައް ފުޅާކުރުމަށާއި މި މަރުހަލާގެ ތެރޭގައި 150 ވަޒީފާ އަލަށް އުފެއްދުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާނެކަމަށް ބޭންކުންވަނީ އިއުލާންކޮށްފައެވެ.