ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް)ގެ އިންޝޫރެންސް ޕާޓްނަރަކަށް އަމާނާތަކާފުލް ހަމަޖައްސައިފިއެވެ.

އަމާނާ ތަކާފުލްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނަރުކަމުގެ ކޮންޓްރެކްޓުގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހަރީޒު ސުލައިމާން އަދި ސީނިއާރ އެގްޒެކެޓިވް ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝަމޫލް އަބްދުﷲ އެވެ. ޖީއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް އާއި ނައިބް ރައީސް އަހުމަދު އަމްޖަދެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމާނާ ތަކާފުލްގެ ސީއީއޯ ވިދާޅުވީ ގެސްޓް ހައުސް ދާއިރާއަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ދާއިރާ އެއް ކަމުން މި ދާއިރާ އަށް އިންޝުއަރެންސް ޕޮލިސީއެއް ތައާރަފު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި ގެސްޓްހައުސް އިންޝޫރެންސަކީ ރާއްޖޭގައި އަލަށް ތައާރަފް ކުރެވިގެންދާ ޕޮލިސީއެއް ކަމަށްވެފައި އެސޯއިއޭޝަންގެ ބައިވެރިންނަށް އެ އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖީއޭއެމްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެ ދާއިރާ ކުރިއަރަމުން އަންނަ ނަމަވެސް، މިހާރުވެސް އެތައް ގޮންޖެހުމެއް އެބަހުރި ކަމަށެވެ. އަދި އެ ސިނާއަތު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށާއި އަމާނާތަކާފުލް އިން އިންޝުއަރަންސް ނަގަން ހިޔާލުކުރީ އަމާނާ ތަކާފުލްއަކީ ސައްތައިން ސައްތަ އިސްލާމީ އިންޝުއަރަންސް ފޯރުކޮށްދޭ ކުންފުންފުންޏަކަށްވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަންގައި މިހާރުވެސް 400 އަށް ވުރެ ގިނަ މެމްބަރުން ތިބެއެވެ.