03 May 2017, 18:21
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ ފޯނު ލޮކް ކޮށްފައި އޮތުމުން އެއްވެސް ޑޭޓާއެއް ނެގިފައިނުވާ ކަމަށް ހެކިބަސް ދިން ފުލުހަކު ބުނެފި އެވެ.
ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން، މޮބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ސްޓާފް ސާޖަންޓް އިސްމާއިލް ޝަރީފް ވިދާޅުވީ، ރިޔާޒްގެ ފޯނުގެ ކޯޑު ލިބުމުގެ ކުރިން، އެ ފޯނުން ޑޭޓާ ނެގުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ރިޔާޒުގެ ފޯނު ލޮކް ކޮށްފައި އޮތުމުން އެއްވެސް ޑޭޓާއެއް ނެގިފައި ނުވާ ކަމަށެވެ.
އިސްމާއިލް ޝަރީފް ވިދާޅުވީ، އެ ފޯނުން ޑޭޓާ ނަގަން މަސައްކަތް ކުރީ ހާއްސަ ސޮފްޓްވެއާއެއް ބޭނުން ކޮށްގެން ކަމަށާއި، އެ ސޮފްޓްވެއާގެ ސަބަބުން ފޯނުގައި ހުރި އެއްވެސް ޑޭޓާއަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ރިޔާޒްގެ ފޯނުގެ ޕިން މީގެ ކުރިން ބޭއްވި ައެވެ.
މިއަދުގެ އަޑުއެހުމުގައި، ރިޔާޒްގެ ފޯނުގެ ޕިން ދިނުމަށް އެދި ވަކި ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން ކުރިމިނަލް ކޯޓުގައި އެދުނުތޯ ސާފުކުރުމަށް ދިފާއުގައި ހުށަހެޅި ފުލުސްމީހާ އިންކާރުކޮށްފައިވާތީ، އެފަދަ އަމުރަކަަށް ފުލުހުން ކޯޓުގައި އެދިފައިވޭތޯ ކޯޓު މެދުވެރިކޮށް ޝަރީއަތުން ބައްލަވާނެ ކަަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު އޮންނާނެ ކަމަށް ޝަރީއަތުން މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ. އެ އަޑުއެހުމުގައި އޮންނާނީ ދިފާއުގައި ހުށަހަޅާފައިވާ ކިތާބީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.