03 May 2017, 16:25
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ކާމިޔާބު ވާނެ ކަމުގެ ބޮދު އުއްމީދެއް ލިބިފައިވާ ކަމަށާއި ލިބިފައިވާ ހެކި އިތުރަށް ތަހުލީލު ކުރުމަށްޓަކައި ބޭރަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޔާމީންގެ މަރާ ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއެކު ތަހުގީގް ކާމިޔާބްކުރެވުމުގެ ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ.
"މި ތަހުގީގުގައި އެއްކުރެވިފައިވާ އަދި ލިބިފައިވާ ހެކި އިތުރަށް ތަހްލީލު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދި ޔޫރަޕާއި އާސިޔާންގެ ގައުމުތަކުގެ ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓުރީތަކަށް ފޮނުވައި އަންނަނީ ތަހްލީލުކުރެވެމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޔާމީންގެ މަރުގެ ފޯކަސް ބަދަލުކޮށް އެހެނިހެން މަގުސަދުތަށް ހާސިލްކުރުމަށް ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އެކި ފަރާތްތަކުން ކުރަމުންދާ މަސަތްކަތް ހުއްޓާލުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި އެގޮތަށް މަސަތްކުރުމުގެ ސަބަބުން ގާތިލުންނަށް ފިލައިގެން އުޅުމަށް މަގުފަހިވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދާ ގޮތާ މެދު އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމުގައި ފުލުހުންގެ އިހްމާލެއްވާ ކަމަށް ބުނެ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލާގައި ފާހަގަކޮށްފައި ވަނީ ޔާމީނަށް ދެމުން ދިޔަ އިންޒާރުތައް ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް ފުލުހުން އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވުމުގެ ނަތީޖާއެއްގެ ގޮތުން ބަޔަކު ޔާމީނަށް ހަމަލާ ދީ މަރާލީ ކަމަށެވެ.