09 Jul 2011, 19:28
ޝަރުއީ މަރުހަލާއަށް ނުފޮނުވާ އޮތް 36 މައްސަލައެއްގައި ހިމެނޭ މަސްތުވާ ތަކެތި މިއަދު ފުލުހުން ނައްތާލައިފި އެވެ.
ދޫނިދޫގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ނޫސްވެރިންގެ ހާޒިރުގައި ނައްތާލި މަސްތުވާ ތަކެއްޗަކީ ހޮވައިގެން އަދި ވެރިފަރާތެއް އަދި ޝައްކު ކުރެވޭ ފަރާތެއް ނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ނައްތާލީ ކިހާ އަދަދެއްގެ މަސްތުވާ ތަކެތި ކަމެއް ފުލުހުން ނުބުނެ އެވެ.
މަސްތުވާތަކެތި ނައްތާލުމާ ބެހޭ ފުލުހުންގެ ކޮމެޓީގެ ބެއްލެވުމުގެ ދަށުން މިއަދު ނައްތާލި މަސްތުވާ ތަކެއްތީގެ ތެރޭގައި ޝަރުއީ މަރުހަލާ އަކަށް ގޮސް އަދި ޝަރުއީ މަރުހަލާ އިން ނިންމާފައިވާ މަސްތުވާ އެއްވެސް އެއްޗެއް ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ރަލާއި ބިޔަރު އަދު ހިކި މަސްތުވާތަކެތި ހިމެނެ އެވެ. ރަލާއި ބިޔަރު ނައްތާލީ ވަޅަކަށް އެތަކެއްޗާއި އެތަކެތި ބަންދުކޮށްފައި ހުރި ފުޅިތަކާއި ދަޅުތައް އަޅުމަށް ފަހު ރޯކޮށްލައިގެންނެވެ. އަދި ހިކި މަސްތުވާތަކެތި ނައްތާލީ އެތަކެތި ނައްތާލުމަށް ހާއްސަކޮށްފައި ހުރި މެސިނެއްގެ އެހީގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަސްތުވާ ތަކެތި ނައްތާލުމާ ބެހޭ ކޮމެޓިގެ ޗެއާމަން، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގު މިއަދު ވިދާޅުވީ ޝަރުއީ މަރުހަލާ އަށް ދާ ތަކެތި ނައްތާލެވެނީ ޝަރުއީ ހުރިހާ ދާއިރާއެއް ނިމުމުން ކަމަށެވެ.
"ދަށު ކޯޓުން އެ މައްސަލައެއް ނިމުނު ކަމުގައި ވިޔަސް އަދި ހައި ކޯޓުން އެ މައްސަލައެއް ނިމުނު ކަމުގައި ވިޔަސް އެތަކެތި ނައްތައެއް ނުލުވޭނެ. ސުޕްރީމް ކޯޓުން އެ މައްސަލަ އަށް ގޮތެއް ނިންމުމުން އެތަކެތި ނައްތާލެވޭނީ." ޝަރުއީ މަރުހަލާ އަށް ފޮނުވާ މައްސަލަތަކާ ގުޅޭ މަސްތުވާ ތަކެތި ނައްތާ ނުލައްވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ދެންނެވުމުން ސޯދިގު ވިދާޅުވި އެވެ. -- އަލީ ނަސީރު