މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ މީހުން ފިޔަވައި އަލަށް ރަޖިސްޓްރީވާން އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ އާއި އަތޮޅުތަކުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް މެދުވެރުކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ. މާލޭގައި ނަމަ ފޯމް ހުށަހަޅަން ޖެހެނީ އިސްލާމިކް މިނިސްޓްރީއަށެވެ.

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ މި މަހުގެ 16 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

އިސްލާމިކް މިނިސްޓްރީން ފަގީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ.

ނަމަވެސް މިދިޔަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަކީ ފަގީރުންނާއި މިސްކީނުންކަން ކަށަވަރުކުރަން ފަށާފައެވެ.

އެގޮތުން މީގެ ކުރިން ފަގީރުންގެ ލިސްޓުގައި 53000 މީހުން ރަޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް، ލިސްޓު މުރާޖައު ކުރުމުން އެ އަދަދު 12335 އަށް މިދިޔަ އަހަރު ވަނީ ދަށްވެފައެވެ. އެއީ މާލޭ ސަރަހައްދުން 2239 ފަގީރުންނާއި އަތޮޅުތަކުން 9936 ފަގީރުންނެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގައި ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ އަދި ފިތުރު ޒަކާތުގެ ގޮތުގައި ބަހާފައި ވަނީ ބޮލަކަށް 400 ރުފިޔާއެވެ.