03 May 2017, 13:46
ސައްހަ މައުލޫމާތު ހޯދުމަށްޓަކައި ނޫސްވެރިންނަށް ރައްކާތެރިކަން ޔަގީންކޮށްދިނުން ލާޒިމު ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން އުގެއިލް "ސަން"އަށް ވިދާޅުވީ ޑިމޮކުރަޓިކް މުޖުތަމައުއެއްގައި މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ލާޒިމްކަމެއް ކަމަށެވެ. އަދި ކޮންމެ ނޫސްވެރިއަކަށް ރައްކާތެރިކަން ޔަގީންކޮށްދިނުމަކީ ވެސް ލާޒިމްކަމެއް ކަމަށް އުގެއިލް ވިދާޅުވި އެވެ.
"ރަނގަޅު ފެންވަރުގެ ތެދު މައުލޫމާތު ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމަށްޓަކައި ނޫސްވެރިންނަށް ރައްކާތެރިކަން ޔަގީންކޮށްދިނުމަކީ ލާޒިމްކަމެއް،" އުގެއިލް ވިދާޅުވިއެވެ.
ބައިނަލް އަގުވާމީ ނޫސްވެރިކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ނޫސްވެރިން، މިއަދުގެ ނޫސްވެރިކަން ސިފަކުރަނީ ވަރަށް ވެސް ބިރުވެރިގޮތަކަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ނޫސްވެރިންނަށް ދޭ ހަމަލާތަކާއި އިންޒާރުތަކެވެ. އެއާއެކު އަބުރު ރައްކާތެރި ކުރުމަށް ކަމަށް ބުނެ، ތަސްދީގުކޮށްފައިވާ ގާނޫނުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި، ބޮޑެތި ޖޫރިމަނާތަކާ މީޑިއާތައް ކުރިމަތިލާންޖެހިފައިވެއެވެ. ހަމައެއާއެކު މީޑިއާތަކުގެ ބެލެނިވެރި ފަރާތްތައް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޮޑްކާސްޓިން ކޮމިޝަން ފެއިލްވެފައިވާ ކަމަށް ތަޖުރިބާކާރު ނޫސްވެރިން ވިދާޅުވެއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ތިން ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިހްތިރާމްކޮށް އެކަން ނެގެހެއްޓުމަށް ބާރު އެޅުމެވެ.