ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޓިކެޓުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރާ ޣާނިމް އަބްދުލްޣަފޫރު ބަންދު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެދުނު މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޕީޖީގެ އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ނެގީ، ޣާނިމް އިތުރަށް ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ބުނެ ފުލުހުން އެ މައްސަލަ ނެގުމަށް ޕީޖީގައި އެދުމުން ކަމަށެވެ.

ޣާނިމް ބަންދު ކުރުމަށް އެދިފައިވަނީވެސް ފުލުހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ޕީޖީން އެދިފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މާރާމާރީގެ މައްސަލައެއްގައި، ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މިދިޔަ މާޗް މަހުގެ ތެރޭގައި ކާނިވާ ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި ބައިވެފައިވާ ކަަމަށެވެ.