ލަންޑަން (ސީއެންއެން) – ކުރިއަށް އޮތް އާއްމު އިންތިހާބުގެ ކުރިން އެއްވެސް މަސައްކަތެއް ނުކުރަން ނިންމައި، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފިއެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ބުނާ ގޮތުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލަން ޖެހޭނީ އިންތިހާބު އޮންނަ ތާރީހުގެ 25 ދުވަސް ކުރިންނެވެ. އަދި އެ ނިންމުމާއެކު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތައް ވެސް އެމީހުންގެ މަސްއޫލިއްޔަތުން ވަކިވާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ގާނޫނު ހަދާ މަޖިލިސް ރަސްމީކޮށް އުވާލުމުގެ ހުއްދައަކަށް އެދުމަށް މިއަދުގެ ފަހުގެ ވަގުތެއްގައި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ރާނީ އެލިޒަބެތް ދޭކާ ބައްދަލުކުރުމަށް ބަކިންހަމް ޕެލެސް އަށް ވަޑައިގަންނަވާނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރައްޔިތުން ވަނީ ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ނިންމާފައެވެ. އެ ނިންމުމާއެކު އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ މަސައްކަތް ފެށުމަށް އެދި އެ އިއްތިހާދަށް ފޮނުވާ ސިޓީގައި ބޮޑުވަޒީރު މޭ ވަނީ މިދިޔަ ހޮނިހިރު ދުވަހު ސޮއިކުރައްވާފައެވެ.

ނަމަވެސް އީޔޫ އިން ވަކިވުމާ ގުޅޭ ރަސްމީ މަޝްވަރާތައް ކުރަން ނިންމާފައި ވަނީ އާ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށްފަހުއެވެ. އަދި އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު ބާއްވާ އިލެކްޝަންގެ ކެމްޕެއިންގައި މިފަހަރު އެންމެ މައި އެޖެންޑާއަކަށް ވެފައި ވަނީ ވެސް އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމާ ގުޅޭގޮތުންނެވެ.

ފަހުގެ ހިޔާލުތަކުގެ ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު ލޭބާ ޕާޓީގެ މައްޗަށް ބޮޑުވަޒީރު މޭގެ ކޮންސަވޭޓިވް ޕާޓީން ދަނީ ބޮޑު ތަފާތަކުން ވަނީ ކުރި ހޯދާފައެވެ.