މަކަރާއި ހީލަތް ހެދުމުގެ ކުށް ޝަރީއަތަށް ސާބިތުވެ ކ. ގުޅީ ކައުންސިލަށް ޕީޕިއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓަކު ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކ. ގުޅީ ސިޔާނާ މަންޒިލް، އަހުމަދު ޝަބީންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ އަށް ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ޓެރަފާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުން މެއި، 2، 2016 ވަނަ ދުވަހު 1000 ޑޮލަރު ނެގޭނެ ކަމަށް ދައްކައިގެން ޝަބީން ސޮއިކޮށް ޗެކެއްދޫކޮށްފައިވާ ކަމަށެވެ. އަދި މެއި 5، 2016 ދުވަހު 3000 ޑޮލަރު ނެގޭނެ ކަމަށް ދައްކައިގެން ވެސް އޭނާ ސޮއިކޮށް ޗެކެއް ދޫކޮށްފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެ ދެ ޗެކަށް ފައިސާ ނެގުމަށްޓަކަައި އެ ދެ ޗެކް ބޭންކަށް ހުށަހެޅުމުން އެކައުންޓުގައި ފައިސާ ނެތުމުން ޗެކްގައިވާ އަދަދަށް ފައިސާ ދެވެން ނެތް ކަމަށް ޗެކް ހުށަހެޅި ފަރާތަށް ބޭންކުން އަންގާފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެއަށްފަހު ޗެކްތަކުގައިވާ އަދަދަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދިނުމަށް ލިޔުމުން ޝަބީނަށް އެންގުމުން ވެސް އެ ޗެކްގައިވާ އަދަދަށް ދައިސާ ދީފައިނުވާ ކަމަށް ތަހުގީގު މަރުހަލާގައްޔާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެހެންކަމުން ޝަބީން އިއުތިރާފުވެފައިވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް އެ ހުކުމްގައިވެ އެވެ.