03 May 2017, 12:39
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕަށް ދޫކޮށްފައިވާ ދެ ރަށަކާއި ފަޅެއް ސަރުކާރަށް ނެގީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުުކުމް ކޮށްފި އެވެ.
އިއްޔެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ގދ. ގަޒީރާއާއި ރ. މާނެންފުށި އަދި ކ. މާދިއްގަރުފަޅު އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމަކީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ވިލާ ގްރޫޕްގެ ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ގދ. ގަޒީރާ އެއްބަސްވުން ބާތިލުކުރިކަން ޓޫރިޒަމް މިނިސްޓްރީ އިން އެންގީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލް ކުރީ، ގަޒީރާ އިން އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، ސިވިލް ކޯޓުން ނިންމި ހުކުމުގައި ބުނެފައިވަނީ، ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމެންޓާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މާދިއްގަރުފަޅުގެ އެއްބަސްވުން އުވާލައި އެކަން ވިލާއަށް އަންގާފައިވަނީވެސް 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން ސިވިލް ކޯޓުން ނިންމާފައިވަނީ އެއްބަސްވުން އުވާލިކަން އަންގައި ފޮނުވި ނޯޓިސްއަކީ ބާތިލު ނޯޓިސް އެއް ކަމަށެވެ.
ތިން ރަށުގެ އެއްބަސްވުން މިނިސްޓްރީން އުވާލާފައިވަނީ، ވިލާ ޝިޕިންގެ 70 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުންނެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގެްރިމެންޓަށް ވާސިލްވި މައިގަނޑު މަގްސަދާއި ވެފައިވާ ހިލާފެއް ކަމަށެވެ. އަދި އެގްރިމެންޓްގެ މައިގަނޑު މަގްސަދާ ހިލާފުވުމަކީ އެގްރިމަންޓް އުވާލެވިދާނެ ހާލަތެއްކަމަށް ބަޔާންކޮށްފައިނެތް ނަމަވެސް، އެއީ އެގްރިމެންޓުގައި ބަޔާންކޮށްފައިނުވާ އިސްތިސްނާ ހާލަތެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.
އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން އެގްރިމެންޓް އުވާލާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ހައިކޯޓުން މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.