ތުރުކީގައި ވިކިޕީޑިއާ ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.

އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ވިކިޕީޑިއާ އެގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށްޓަކައި "އިދާރީ ފިޔަވަޅު"ތަކެއް އަޅާފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ހާމަކޮށްފައިނުވެއެވެ.

ތުރުކީގެ ބައެއް ނޫސްތަކުންވެސް ވަނީ ވިކިޕީޑިއާގައ ހުރި ބައެއް މައުލޫމާތުތަކުގައި ލިޔުންތެރިން ޝާއިއުކޮށްފައިވާ، ޓެރަރިޒަމަށް ބާރުލިބޭ ފަދަ ލިޔުންތައް ނެގުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ.

އެގައުމުގައި ވިކިޕީޑިއާ ބްލޮކް ކުރި އިރު، ޓެރަރިޒަމްގެ ބިރާ ހުރެ ފޭސްބުކާއި ޓްވިޓާވެސް ވަނީ އެގައުމުގައި ބްލޮކް ކޮށްފައެވެ.

"ޓެކްނިކަލް އެނެލެސިސްއާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނުން، އަޅުގަނޑުމެން ވާނީ ވިކިޕީޑިއާ ވެބްސައިޓާ މެދު އިދާރީ ފިޔަވަޅުތަކެއް އަޅާފައި،" ތުރުކީގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީސް އޮތޯރިޓީން ބުނެފައިވެއެވެ. މީގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް އެގައުމުގެ ހަރިއްޔަތު ނަމަކަށް ކިޔާ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވިކިޕީޑިއާގައ ހުރި ބައެއް މައުލޫމާތުތަކުގައި ލިޔުންތެރިން ޝާއިއުކޮށްފައިވާ، ޓެރަރިޒަމަށް ބާރުލިބޭ ފަދަ ލިޔުންތައް ނެގުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވިކިޕީޑިއާއަށް އެންގުމުން ވިކިޕީޑިއާއިން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ. އަދި އެ ވެބްސައިޓު އެ ގައުމުގައި ބޭން ކުރީ އެ ސަބަބަށްޓަކައި ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

މިފަދަ ފިޔަވަޅެއް އެޅި ނަމަވެސް އެކަން ތަންފީޒު ވެގެންދާނީ އެގައުމުގެ އެންމެ މަތީ ކޯޓަކުން އަމުރު ލިބުމުން ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުންޏެވެ.