03 May 2017, 11:58
މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެފަދަ ގޮތަކަށް ގާނޫނުތައް ތަންފީޒު ކޮށްދިނުމަށް ކަމާބެހޭ ހުރިހާ އިދާރާއަކަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅޭ ގޮތުން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ގޮތް ފަހިކުރެވިފައިވާ އެންމެހާ ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޒުކޮށް ދެމެހެއްޓުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނޫސްވެރިންނާއި ގުޅޭ ގޮތުން މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ލާއިންސާނީ ތަފާތު ޢަމަލުތައް ހިންގާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ. އެ މައްސަލަތައް ވީހާވެސް އަވަހަށް ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ތެރެއިން--- ސަން ފައިލް ފޮޓޯ
"ނޫސްވެރިންނާ ދެކޮޅަށް ހިންގާ އެންމެހާ ބިރުދެއްކުމުގެ ޢަމަލުތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ފަރާތްތަކުގެތަޙްޤީޤު އަވަސްކޮށް، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދެވޭކަން ކަށަވަރުކުރުމަށް ގޮވާލަން،" ބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ޝަރީއަތްތައް އަޑުއެހުމަށް ނުވަދެވޭ މައްސަލަ ވެސް އެޗްއާރްސީއެމްއަށް ހުށައަޅާފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިކަން ކުރުމަށް ތަޢްލީމާއި ތަމްރީނަކީ މުހިންމު އެއްޗަކަށް ވާއިރު އެފުރުސަތުތައް ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މުހިންމުކަން އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި އޮތުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ.
މައުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމައުގެ އަހުލާގީ މިންގަނޑު ހިފަހެއްޓުމާއި އަނެކާގެ ހައްގުތަކަށް އަހުތިރާމުކުރުމަށް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 3 ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިހްތިރާމްކޮށް އެކަން ނެގެހެއްޓުމަށް ބާރުއެޅުމެވެ.