09 Jul 2011, 18:03
ނަވާރަ ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައުކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ރިކޯޑް އައުކޮށްފައި ވަނީ އަންހެނުންގެ 200 މީޓަރު ދުވުމުގައި ރާއްޖެ އިން ވާދަކުރި އަފާ އިސްމާޢީލް އިވެ. އަފާ ގައުމީ ރިކޯޑް އައުކޮށްފައި ވަނީ 200 މީޓަރުގެ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކޮށް 26.09ސިކުންތުން ދުވުން ނިންމައިގެނެވެ.
ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ކުރީގެ ރިކޯޑަކީ 12 އަހަރު ކުރިން 1999 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު ސައުތު އޭޝިއަން ގޭމްސްގައި ޝަމްހާ އަޙްމަދު ދުވެފައިވާ 26.25 ސިކުންތުގެ ރިކޯޑެވެ.
އަންހެނުންގެ 200 މީޓަރު ދުވުމުގެ އިތުރުން ރާއްޖޭގެ ފިރިހެން އެތުލީޓް ޝިފާޒް މުޙައްމަދު ވާދަކޮށްފައި ވަނީ ފިރިހެނުންގެ 800 މީޓަރު ދުވުމުގަ އެވެ. 800 މީޓަރު ދުވުމުގެ ދެވަނަ ހީޓްގައި ހަ އެތުލީޓުންނާ ވާދަކޮށް ޝިފާޒް ދުވުން ނިންމާފައި ވަނީ ދެ މިނިޓް 00.61ސިކުންތުން ހަ ވަނަ އަށެވެ.
ރާއްޖޭގެ އެތުލީޓުން މުބާރާތަށް ފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.