ޣައްޒާ (މޭ 3) : އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުން އެމީހުންގެ އިންސާނީ އަސާސީ ހައްގުތައް ހޯދުމަށް އެދޭއެދުންތައް ސައުވީސް ގަޑީއިރުގެ ތެރޭގައި ފުރިހަމަކޮށް ނުދީފިނަމަ އެކަމުގެ ހިތިނަތީޖާއާ އިސްރާއީލު ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ހަމާސް ޖަމާއަތުން ދީފި އެވެ.

ޙަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ބުނީ އިސްރާއީލުގެ ހައްސާސް ތަންތަނަށް ހަމަލާދިނުމުގެ ގާބިލުކަން އެ ޖަމާއަތުގެ ކިބާގައި އެބަހުރި ކަމަށާއި އަސީރުންގެ ހައްގުތަކަށް ފުރުގަސްދީނަމަ އިސްރާއީލުގެ އަނިޔާވެރިކަން ހަމައެކަނި ބަލަން ހަމާސްގެ މުޖާހިދުން ނޯންނާކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ވެރިންނަށް ދޭ ކަމުގައެވެ.

އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ ހަހާސް ފައްސަތޭކަ އަސީރުންގެ ތެރެއިން ގާތްގަނޑަކަށް ތިންހާސް އަސީރުން ގެންދަނީ ބަނޑު ހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. މިހަޅުތާލު ކުރަމުން ގެންދަނީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުން އުޅެންޖެހިފައިވާ އިންސާނިއްޔަތު ކަމެއްނެތް ދަތިހާލުން ސަލާމަތް ކޮށްދިނުމަށް އިސްރާއީލަށް އިލްތިމާސްކޮށްކޮށް އެކަމަށް އެއްވެސް ހައްލެއް ނުލިބިގެންނެވެ.

އަސީރުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި ބަލި މީހުންނަށް ބޭސްފަރުވާ ކޮށްނުދިނުމާއި ޝަރީއަތަކާނުލައި އިދާރީގޮތުން ކަމަށްބުނެ ފަލަސްތީނުގެ ގިނަ ގައިދީންތަކެއް ދިގުމުއްދަތަކަށް ޖަލުގައި ބޭތިއްބުމާއި ޖަލުގެ ސާފުތާހިރުކަން ކުޑަވުމާއި ކުޑަގޮޅީގައި ގިނަ އަދަދެއްގެ އަސީރުން ހޫނުގައި ބޭތިއްބުންފަދަ ބޮޑެތި ޖަރީމާތައް ހިމެނެއެވެ. ފަލަސްތީނުގެ އަސީރުން ކުރަމުންގެންދާ ހައިހޫނުކަމުގެ ހަޅުތާލަށް ތޭރަ ދުވަސްވެފައިވާއިރު ބައެއް އަސީރުންވަނީ ބަނޑަށް ހާންތިވެފައެވެ.

ހައިހޫނުކަމުގެ ހަޅުތާލުގައި އަސީރުން ބޭނުންކުރަނީ ހަމައެކަނި ފެނާއި ލޮނުފެނެވެ. މިކަމުގެ ސަބަބުން ދިގުމުއްދަތަކަށް ހައިހޫނުކަމުގައި ދެމިތިބެވުނުނަމަވެސް އަސީރުންގެ ހަށިތައްވަނީ ހިކި އަނަރޫފަވެފައެވެ. އަސީރުންގެ ޖަލު ހާލަތު ރަނގަނޅުކޮށްދިނުމަށް އެދޭ އެއްވެސް އެދުމެއް ފުއްދައިދޭނެ ކަމުގެ އެއްވެސް އުންމީދެއް އިސްރާއީލުން ދީފައެއް ނުވެއެވެ. ހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ގެންދާ އަސީރުންނާ އެއްބައިވުމުގެ ގޮތުންނާއި އެމީހުންނަށް ހިއްވަރު ދިނުމުގެ ގޮތުން ފަލަސްތީނުގެ ގިނަ ބަޔަކުވެސް ގެންދަނީ ގިނަ ހަރަކާތްތަކެއް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގަމުންނެވެ. (އަލްޖަޒީރާ)