ޗެމްޕިއަންސް ލީގުގެ ތާރީޚްގައި މިހާތަނަށް އެންމެ ގިނަ ހެޓްރިކް ހަދައިގެން ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ގާއިމްކޮށްފައިވާ ރެކޯޑާ އެއްވަރަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހަދައިފި އެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ރޮނާލްޑޯ ފެނިގެން ދިޔައީ އޭނާގެ އެންމެ މޮޅު ފޯމުގަ އެވެ. އެގޮތުން 3-0ގެ ނަތީޖާއަކުން ރެއާލް މޮޅުވި އެ މެޗުގައި ފެނިގެން ދިޔަ ތިން ލަނޑުވެސް ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު، މި މުބާރާތުގެ ތާރީޚުގައި 7 ހެޓްރިކް ހަދައިގެން މެސީ ގާއިމްކޮށްފައިވާ ރެކޯޑާ ރޮނާލްޑޯ މިވަނީ އަރައި ހަމަކޮށްފަ އެވެ.

ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ވާދަވެރި ދެކުޅުންތެރީންގެ ލަނޑު ޖެހުމުގެ ހުނަރާމެދު ސުވާލު އުފައްދާނޭ ޖާގައެއް ނެތްނަމަވެސް، ޔުވެންޓަސް އަތުން ބަލިވެ ބާސާއަށް މިފަހަރުގެ މުބާރާތާ އަލްވަދާއުކިޔާން ޖެހުނު ހިސާބުން މެސީއަށް ވަނީ، މިސީޒަންގައި އިތުރަށް ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހުމުގެ ފުރުސަތު ގެއްލިފަ އެވެ.

ކުއާޓާ ފައިނަލްގައި ބަޔާންކޮޅަށް ރޮނާލްޑޯ ހެދި ހެޓްރިކާ އެކު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގަގައި 100 ލަނޑު ހަމަކުރުމުގެ ޝަރަފް ހޯދުމުގެ އިތުރުން ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހަދައި، ރޮނާލްޑޯ މިވަނީ އޭނާގެ ޗެމްޕިއަންސް ލީގު ލަނޑުގެ ރެކޯޑު 103 ހަމަކޮށްފަ އެވެ. އެހެންނަމަވެސް މެސީއަށް މި މުބާރާތުގައި މިހާތަނަށް ކާމިޔާބުކުރެވިފައި ވަނީ ޖުމުލަ 94 ލަނޑެވެ.

ޗެމްޕިއަންސް ލީގު 2012/13 ސީޒަންގެ ސެމީފައިނަލްގައި ރޮބާޓޯ ލެވޮންޑޯސްކީ ހެދި ހެޓްރިކަށް ފަހު މި މުބާރާތުގެ ސެމީ ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފާ އެކު ރޮނާލްޑޯ މިވަނީ، އަނެއްކާ ވެސް އިތުރު ފައިނަލަކާ ދިމާއަށް މިސްރާބުޖަހައިފަ އެވެ.

ރޮނާލްޑޯ ވަނީ، މިދިޔަ ސީޒަންގައި ވެސް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2013/14 ސީޒަންގައި ރެއާލުން މި މުބާރާތް ކާމިޔާބުކުރި އިރު މި ދެފަހަރު ވެސް އެޓީމު ޗެމްޕިއަންކަން ހޯދީ އެތުލެޓިކޯ ބަލިކުރުމަށް ފަހު އެވެ.