09 Jul 2011, 17:55
އެމެރިކާގެ ކުރީގެ ރައީސް ޖެރަލްޑް ފޯޑްގެ އަނބިކަނބަލުން، ބެޓީ ފޯޑް އަވަހާރަވުމާ ގުޅިގެން، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ބެޓީ ފޯޑު އަވަހާރަވީ ރޭގެ ވަގުތެއްގައި ކެލިފޯނިއާގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 93 އަހަރެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، މިސިޒް ފޯޑް، އެމެރިކާގެ ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން އެމެރިކާގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވާފައިވެ އެވެ. އަދި އިޖްތިމާއީ ދާއިރާގައި، ހާއްސަކޮށް އަންހެނުންގެ ހައްގުތަކާއި، ސިއްހީ ހިދުމަތުގެ ދާއިރާގައި އެކަމަނާ ކޮށްދެއްވާފައިވާ ހިދްމަތްތަކުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވެސް ވިދާޅުވެފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ހިތާމައިގެ މި ދަނޑިވަޅުގައި، އެމެރިކާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ރައީސް އޮބާމާއަށް، ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިސިޒް ފޯޑްގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.