03 May 2017, 08:56
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާގައި، ޔުނިސެފް މެދުވެރިކޮށް، ލިއޮނަލް މެސީ ފައުންޑޭޝަނުން 20 ކްލާސް ރޫމް އަޅައިދީފިއެވެ.
ވޭތުވެ ދިޔަ ހައެއްކަ އަހަރުދުވަހުން ފެށިގެން ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގައި ވީރާނާވެފައިވާ ސަރަހައްދުގައި، ބާސެލޯނާގެ ސުޕަރސްޓާރ މެސީގެ ފައުންޑޭޝަނުން ވަނީ 1،600 ކުދީންނަށް ސްކޫލަށް ދިއުމުގެ މަގު ފަހިކޮށްދީ، ފަރުނީޗަރާއި ބޭނުންވާ އެހެނިވެސް ވަސީލަތްތަކާއެކު ރަނގަޅު ފެންވަރުގެ ކްލާސްރޫމްތަކެއް ގާއިމުކޮށްދީފައެވެ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާގައި، ޔުނިސެފް މެދުވެރިކޮށް، ލިއޮނަލް މެސީ ފައުންޑޭޝަނުން އަޅައިދިން ކްލާސްރޫމްތަކުގައި ދަރިވަރުން ކިޔަވަނީ -- ފޭސްބުކް ފޮޓޯ: މެސީ
މީގެ އިތުރުން، ރާވާލާގޮތަށް ތައްޔާރުކޮށްފައިވާ އެ ކްލާސްރޫމުތައް އަޅާފައިވަނީ، ހުރިހާ އިމާރާތްތަކެއްްވެސް އެކުގައި، ސޯލާޕެނަލް ހަރުކޮށް އެތަނަށް ބޭނުންވާނޭ ހަކަތަވެސް އުފެއްދޭ ގޮތަށް ކަމަށް ވެއެވެ.
މެސީގެ ފޭސްބުކް ޕޭޖްގައި ވަނީ، ކްލާސްރޫމްތަކާއި އެތަނުގައި ކިޔަވާންދާ ދަރިވަރުންގެ ބައެއް ފޮޓޯތައްވެސް ހިއްސާކޮށްފައެވެ.
އުމުރުން 29 އަހަރުގެ މެސީއަކީ ޔުނިސެފްގެ ''ގުޑްވިލް އެމްބެސަޑަރެއް"ގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ތަރިއެކެވެ.
މެސީ މީގެ ކުރީންވެސް ވަނީ، ސީރިއާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި އެ ހަނގުރާމައިގައި ކުށެއްނެތް މައުސޫމް އެތަކެއް ކުދީންނާއި އާއިލާތައް ހާލުގައި ޖެހި ފަނާވަމުންދާ މަންޒަރު ފެނުމުން އޭނާގެ ހިތް ކުދިކުދިވަމުންދާ ކަމަށް ބުނެ މެސީ ވަނީ ޝުއޫރުފާޅުކޮށްފައެވެ.