02 May 2017, 18:24
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަޝްހޫރު ދިވެހި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށް ދިނުމާއި، އެ ތަގުގީގުގައި ބޭރުގެ ފަރާތްތައް ބައިވެރިކޮށްގެން، އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އާއިލާއިން ވަނީ ފުލުހުންނަށް ތަކުރާރުކޮށް ގޮވާލާފައެވެ.
ޔާމީންގެ މަރުގެ ތަހުގީގުގައި ބޭރުގެ ފަރާތްތައް ބައިވެރުކުރަމުން ދޭ ތޯ 'ސަން' އިން ދެންނެވުމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާާޅުވީ، އެ މައްސަލައިގައި "އިންޓަނޭޝަނަލް އެސިސްޓެންސް" ހޯދަމުން އަންނަ ކަމަށާއި "ފުލުހުންގެ މުއްސަސާގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެ މައްސަލަ ފުޅާ ދާއިރާއެއްގައި ތަހުގީގުކުރަމުން ދާ" ކަމަށެވެ.
އެނޫން، އިތުރު އެއްވެސް ތަފްސީލެއް ޝިފާން ނުދެއްވައެވެ.
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަން، އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްދިނުމަށް އެދި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން މިއަދު ވަނީ ފުލުހުންނަށް 800 އަށް ވުރެ ގިނަ ސިޓީ ހުށަހަޅައިފައެވެ. ނަމަވެސް ފުލުހުންނަށް ތަކެތި ހުށަހެޅުމަށް އޮންނަ އުސޫލުތަކުގެ ބޭރުން ކަމަށް ބުނެ އެ ސިޓީތައް ވަނީ އާއިލާއަށް ރައްދުކޮޮށްފައެވެ.
ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ، ސިޓީތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވާނީ ދަރިފުޅުގެ މަރުގެ ތަހުގީގު އަވަސްކޮށް ދިނުމާއި ބޭރުގެ ފަރާތްތައް ބައިވެރިކޮށްގެން ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ބޭރުގެ ފަރާތްތައް ތަހުގީގުގައި ބައިވެރިކޮށް ދިނުމަށް އާއިލާއިން އެދެމުންދާ ސަބަބު ބަޔާންކޮށް ރަޝީދު ބުނީ މީގެ ކުރިން ހިންގާފައިވާ މަރުގެ ބޮޑެތި މައްސަލަތަކުގައި ކުރިއެރުމެއް ލިބިފައި ނުވާތީވެ ޔާމީންގެ މަރަށް އިންސާފު ނުލިބިދިއުމަށް އާއިލާއިން ބޭނުން ނުވަނީ ކަމަށެވެ.
"އަބަދުވެސް ބެލޭނީ ކުރީގައި ކަންތައް ވެފައި އޮތް ގޮތަށް. ކުރީގައި ނަތީޖާއެއް ހޯދިފައި ނުވާތީވެ އަޅުގަނޑު ބޭނުމެއް ނުވޭ ނަތީޖާއަކާ ހަމައަށް ނުގޮސް އަޅުގަނޑުގެ ދަރިފުޅުގެ ކޭސް ނިމިގެން ދާކަށް،" ރަޝީދު ބުންޏެވެ.
ޔާމީންގެ ބައްޕަ ބުނީ، ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ވަރަށް ބުރުކޮށް ތަހުގީގު ކުރަމުން ގެންދަވާ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް މީޑިއާއަށް އިނގޭ ވަރަށް މެނުވީ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"އެބޭފުޅުން ވިދާޅުވި ވަރަށް ބޮޑަށް މަސަތްކަތް ކުރައްވާ ކަމަށް. ރެޔާ ދުވާލު ގާތްގަޑަކަށް 20 ވަރަކަށް ގަޑިއިރު މަސަތްކަތް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި،" އޭނާ ބުންޏެވެ.
ޔާމީންގެ މަރާ ގުޅިގެން ފުލުހުން، އޭނާއަށާއި އާއިލާއަށް ހިތްވަރު ދެމުން ގެންދާކަން ފާހަގަކޮށް ރަޝީދު ބުނީ ދަރިފުޅުގެ ގާތިލުން އިންސާފުގެ ކުރި މައްޗަށް ގެނައުމުގައި ކާމިޔާބު ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އިނގިފައިވާ ގޮތުގައި ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ މ. އަފްސާނާގެ ވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް އެގޭގައި ދިރިއުޅެމުން ދިޔަ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން ނަމަކަށް ކިޔާ ޒުވާނަކު ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފައެވެ.