02 May 2017, 18:36
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަން އަދި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ދިނުމަށް އެދި އޭނާގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި 8 ބަލައިނުގަނެ އަނބުރާ ފޮނުވާލީ އުސޫލުތަކުން ބޭރުން ހުށަހެޅުމުން ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީނަށް އިންސާފް ހޯދައިދިނުމަށް ގޮވާލައި އޭނާގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ސިޓީތައް މިއަދު ފުލުސް އޮފީހަށް ހުށަހެޅީ ޔާމީންގެ ބައްޕަ ހުސެއިން ރަޝީދުއެވެ.
ނަމަވެސް ފުލުހުން ވަނީ ޔާމީންގެ ބައްޕައަށް ފަހުން ގުޅައި ސިޓީތައް ބަލާ އައުމަށް އެދިފައެވެ.

ޔާމީންގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ހުށަހެޅި ސިޓީތައް ފުލުހުން އަނބުރާ ފޮނުވާލުމުން ޔާމީންގެ ބައްޕަ ސިޓީތައް ހިފައިގެން ފުލުސް އޮފީހުން ނިކުމެގެން ދަނީ --- ފޮޓޯ: ޓްވިޓާ
އެކަމާ ގުޅޭ ގޮތުން 'ސަން' އިން ދެންނެވި ސްވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް އޮތް ނަމަ އެ މީހަކަށް ފުލުސް އޮފީހަށް އައިސް ސިޓީ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ޔާމީންގެ އާއިލާ އާއި ޔާމީންގެ ރައްޓެހިންގެ ފަރާތުން އައި ސިޓީތައް އެއްވެސް ވަރަކަށް ރިޖެކްޓް ކުރީ ނުވަތަ ބަލައިނުގަތީ އެއް ނޫން. އެކަމަކު ފުލުސް އޮފީސް އަދި ސަރުކާރުގެ އިދާރާތަކަށް ސިޓީ ފަދަ ތަކެތެ ގެނައުމުގެ އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކަކާއި އުސޫލްތަކެއް އެބައޮވޭ. އެހެންވީމަ އެފަދަ ގޮތަކަށް އެކަން ކުރުމަށް އަޅުގަނޑުމެން އާއިލާ ކައިރީގައި ބުނީ،" ޝިފާން ވިދާޅުވިއެވެ.
ސިޓީތަކާ ހަވާލުވުމަށް މިއަދު މެންދުރު ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ހުސެއިން ރަޝީދު ބުނީ ފުލުހުން އެ ސިޓީތައް ބަލައިނުގަތުމުން ސިޓީތަކުގެ ވެރިފަރާތްތަކަށް ސިޓީތައް ރައްދުކުރާނެ ކަމަށާއި އެ ފަރާތްތަކުން ބޭނުން ނަމަ ވަކިވަކިން ހުށަހަޅަންވީ ކަމަށެވެ.