ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ކޯޗް މުހައްމަދު އާތިފް (އާތި) ހަމަޖައްސައި އޭނާގެ އެހީތެރިއަކަށް އާފިއު މުހައްމަދު ހަމަޖައްސައިފިއެވެ.

މިއަދު އެފްއޭއެމް ހައުސްގައި ކުރިއަށްދިޔަ ކުޑަ ރަސްމިއްޔާތެއްގައި އާތިފަވަނީ ކޯޗް ކަމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކޮށް، އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައެވެ.

އާތިފް ހެޑް ކޯޗަކަށް ހަމަޖެއްސުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންހެން ފުޓްބޯޅަ، އެހެން ހަރުފަތަކަށް ގެންދިޔުމަކީ ރައީސް ކަމުގެ މަގާމާ ހަވާލުވުމަށް ފަހު އޭނާ ވީ ވައުދެއްކަމަށާއި އެމަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އާތިފް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ އޭނާއަކީ އަންހެން ގައުމީ ޓީމެއް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށާއި އޭނާއަކީއެކަމަށް ގާބިލް ކޯޗެއް ކަަަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ، އެފްއޭއޭގެ އަމާޒަކީ ގައުމީ އަންހެން ޓީމު މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުން ކަމަށާއި އަދި ޖަޕާނުގެ ކޯޗް ޓީމުގައި ހުރި ދުވަސްވަރު ޓީމަށް އައިސްފައިވާ ކުރިއެރުން އެއަށް ވުރެ އިތުރު ހަރުފަތަކަށް ގެންގޮސް މި ސަރަހައްދުގެ ގަދަ ބާރަކަށް ގައުމީ އަންހެން ޓީމް ހެދުން ކަމަށެވެ.

" އާތިފަކީ ތަޖުރިބާކާރު ކޯޗެއް. އެފްއޭއިން އާތިފަށް ފުރިހަމަ އަށް އިތުބާރު ކުރަން. އުންމީދަކީ މިހާރަށް ވުރެ ނަތީޖާ ރަނގަޅުވެ ކާމިޔާބީތައް ލިބުން،" ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ އާތި ފުލްޓައިމްކޮށް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށާއި އަދި ބައްސާމްގެ ދައުރު އެއްކޮށް އަންހެން ގައުމީ ޓީމުގެ ކޯޗަކަށް ހުންނާނީ އޭނާ ކަމަށެވެ.

އާތިވަނީ ވޭތުވެ ދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ ގޮވައިގެން ލީގުގައި ރަނގަޅު ހިސާބަަކަށް ދަތުރުކޮށްފައެވެ. އަދި މިއަހަރުގެ ސީޒަން ފެށިތަނާހެން އޭނާ ވަނީ އެޓީމުގެ ބައެއް ކަންކަމާ ހިތްހަމަ ނުޖެހި ކޯޗް ކަމުން އިސްތިއުފާ ދީފައެވެ.

ގައުމީ ޓީމާ މިހާތަނަށް ހަވާލުވެހުރީ ޖަޕާނުގެ އެހީއެއްގެ ދަށުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ފޮނުވާފައި ހުރި އެގައުމުގެ ކޯޗެކެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ރާއްޖޭގެ ގައުމީ އަންހެންޓީމްވަނީ ރަނގަޅު ކާމިޔަބީތަކެއް ހޯދައިފައެވެ.