މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހައިރައިޒުން ސަރަހައްދީ ފެންވަރުގައި ދޭ އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެންޑޯޒް ކޮށް އެ އެވޯޑުގެ އެސޯސިއޭޓް ޕާޓްނަރަކަށް ވެއްޖެ އެވެ.

ސަޓާ އެންޑޯޒް ކުރުމަށްފަހު މަޓާޓޯއިން އެކަން ރަސްމީކޮށް ހައިރައިޒަށް އެންގީ މިއަދު އެވެ. މަޓާޓޯގެ ސެކެޓްރީ ޖެނެރަލް، އިބްރާހިމް މުނާޒު ސޮއި ކުރައްވައި ހައިރައިޒަށް ފޮނުވާފައިވާ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ސަޓާގެ އޯގަނައިޒަރުންނާއި، ހައިރައިޒް އަދި މަޓާޓޯއަކީ ގުޅިފައިވާ ތާރީޚެއް އޮތް ތިން ފަރާތް ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ އައިޑިއާސްތައް ހަގީގަތަށް ގެނައުމަށްޓަކައި ހައިރައިޒުން ވަރަށް ކައިރިން އެއްބާރުލުން ދޭ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"މިއަހަރުގެ އޮކްޓޯބަރު މަހު ސަޓާގެ ދެވަނަ ހަފްލާ ބާއްވާއިރު އަޅުގަނޑުމެންގެ އެސޯސިއޭޝަނުން މި އަހަރުގެ އެވޯޑު ހަފްލާ ކާމިޔާބު ހަފްލާއަކަށް ހެދުމަށް އެއްބާރުލުމާއި އެހީތެރިކަން ދޭނަން،" މަޓާޓޯގެ ސިޓީގައި ވެއެވެ.

މަޓާޓޯއަކީ ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރިތައް ޕްރޮމޯޓުކޮށް އެފަދަ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާ އެސޯސިއޭޝަނެކެވެ.

ހައިރައިޒާއި މަޓާޓޯ ގުޅިގެން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިސްތިހާރުކުރަން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ. މަޓާޓޯ ޓްރެވަލް އެވޯޑަކީ މިދެފަރާތް ގުޅިގެން ތައާރަފްކުރި ބްރޭންޑެކެވެ. މީގެ އިތުރުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޓްރެވަލް ފެއާ (ވެކޭޝަންސް އެކްސްޕޯ) އަކީ ވެސް މަޓާޓޯގެ ފުރިހަމަ އެއްބާރުލުމާއެކު ހައިރައިޒުން ބޭއްވި އިވެންޓެކެވެ.

ސަޓާއަށް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ

  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު
  10. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

ސަޓާ އަކީ ހައިރައިޒުން ކުރި ފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ އެވޯޑު ފުރަތަމަ ފަހަރު ދީފައި ވަނީ 270 ނޮމިނޭޝަންސްއާ އެކު ސްރީލަންކާގެ މައުންޓް ލެވީނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި 18 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

މިދިޔަ އަހަރު އެ އެވޯޑު ހަފްލާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.