ކ. އަތޮޅު ތުލުސްދޫ ކައުންސިލާއި ށ. ފުނަދޫ ކައުންސިލްގެ މަސައްކަތް ހުއްޓުވުމަށް މިދިޔަ ފެބްރުއަރީ މަހު ފުލުހުން ކޮށްފައިވާ މަސައްކަތަކީ ހޯމް މިނިސްޓަރު ހަސަން އަފީފު މާގާމުގެ ނުފޫޒުގެ ބޭނުން ކުރައްވައިގެން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ލޭބާ ޕާޓީން އެންޓި ކޮރަޕްޝަންސް ކޮމިޝަން ]އޭސީސީ[ އަށް ސިޓީއެއް ފޮނުވައިފި އެވެ.

ލޭބާ ޕާޓީން އޭސީސީ އަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އިންތިހާބުކޮށްފައިވާ ތުލުސްދޫ ކައުންސިލާއި ފުނަދޫ ކައުންސިލްގެ މަސައްކަތްތައް ހުއްޓުވާލައި، އެ ދެ ކައުންސިލްގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި ރައްޔިތުންނަށް ބިރުދެއްކުމަށް ފުލުހުން ހިންގި ހަރަކާތްތައް ހިންގުމުގެ އަމުރު ނެރެފައި ވަނީ ހޯމް މިނިސްޓަރު ހަސަން އާފީފު ކަމަށެވެ. އަދި އެ ދުވަސް ވަރު ހޯމް މިނިސްޓްރީން "ނެރުނު ޣައިރު ޤާނޫނީ އަމުރުތަކާ" ދެކޮޅު ހެދި ފުލުހުންގެ ބައެއް އިސް އޮފިޝަލުން ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް ލޭބާ ޕާޓީގެ އެސިޓީގައި ބުނެފައިވެ އެވެ.

ލޭބާ ޕާޓީން ބުނީ، ހޯމް މިނިސްޓަރު އަފީފުގެ އެ އަމަލަކީ އެއްވެސް ސައްކެތް ނެތް ގޮތުގައި އޭނާ އަށް ލިބިފައިވާ މަގާމާއި ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ދައުލަތުން މުސާރަދީފައި ތިބި ފުލުހުންގެ މުއައްސަސާގައި ހުރި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ މަގުސަދުތަކެއް ހާސިލްކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި އެކަމަކީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ޤާނޫނަށް ރިއާޔަތްކޮށް ހޯމް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނެ އަމަލެއް ކަމަށް އެސިޓީގައި އެ ޕާޓީން ބުނެފައިވެ އެވެ.

ކުރިން އެމްޑީޕީއާ ކޯލިޝަން ހައްދަވައިގެން އުޅުއްވި ރެޑް ވޭވް ސަލީމް އިސްކޮށް ހުންނަވާ ލޭބާ ޕާޓީން އޭސީސީ އަށް ފޮނުވި އެ ސިޓީގައި އަދި ބުނެފައި ވަނީ ފުލުހުން މެދުވެރިކޮށް އެ ދެ ރަށުގައި ހިންގި އެ ހަރަކާތަކާ ދެކޮޅަށް ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާއި އަމުރުތަކުގެ އިތުރުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުން ވެސް އެކަމަކީ ޤާނޫނީ އިމުން ބޭރުން ފުލުހުން ހިންގި ހަރަކާތެއް ކަމަށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

ށ. އަތޮޅު ކައުންސިލާއި ކ. އަތޮޅުގެ ކައުންސިލްގެ މަސައްކަތް ހުއްޓުވުމަށް ފުލުހުން ހިންގި ހަރަކާތްތަކާ ގުޅިގެން ކައުންސިލަރުންގެ މަސައްކަތަށް ހުރަސް ނޭޅުމަށް ފުނަދު އާއި ތުލުސްދޫ ކޯޓުން ނެރެފައިވާ ވަގުތީ އަމުރުތަކަކީ ސައްހަ ދެ އަމުރު ކަމަށް ހައި ކޯޓުން މިދިޔަ މާޗް މަހު ވަނީ ހުކުމްކޮށްފަ އެވެ.