02 May 2017, 16:51
އަބޫޖާ (މެއި 2): ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީގެ ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން، ވެރިކަމުން ޗުއްޓީ ނެންގެވުމަށް ގައުމުގެ ބައެއް އިސް ފަރާތްތަކުން ރައީސަށް ގޮވާލައްވައިފި އެވެ.
އެ ފަރާތްތަކުން ރައީސަށް ލިޔުނު ސިޓީއެއްގައިވާ ގޮތުން ފާއިތުވި ހަފްތާ ތެރޭގައި ރައީސް ބުހާރީ އެއްވެސް ވަރަކަށް ރިޔާސީ ގަނޑުވަރުން ބޭރަށް ވަޑައިނުގެންނެވުމުންނާއި، އެންމެ ފަހުން ބޭއްވި ދެ ކެބިނެޓު ބައްދަލުވުމަށާއި ހުކުރު ނަމާދަށް ބުހާރީ ވަޑައިނުގަތުމުން އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ވަނީ ފެތުރިފަ އެވެ.
އެހެންކަމުން، ރައީސް ބުހާރީގެ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ވަންދެން އަރާމު ކުރެއްވުމަށް ސިޓީގައި އެދިފައިވެ އެވެ.
އެ ބަޔާން ލިޔުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ނައިޖީރިއާގެ ވަކީލު ފެމީ ފަލާނާ އާއި ޕޮލިޓިކަލް އެނެލިސްޓު ޖިބްރިން އިބްރާހީމާއި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ވެރިޔާ އަންވަލް މޫސާ ރަސްފަންޖާނީ ހިމެނެ އެވެ.
ރައީސް ބުހާރީ ވަނީ ޖެނުއަރީ މަހު ހަތް ހަފްތާގެ ޗުއްޓީއެއް ނަންގަވައި، އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވާފަ އެވެ. އަދި އަނބުރާ ގައުމަށް ވަޑައިގަތުމަށް ފަހު ރައީސް ބުހާރީ ވަނީ އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު އާލާސްކަންފުޅު ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ބުހާރީގެ އާލާސްކަންފުޅަކީ ކޮބައިކަން ހާމަ ކުރައްވާފައި ނުވާ އިރު އެ ބަޔާނާ ގުޅިގެން ނައިޖީރިއާ ސަރުކާރުން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)