ސަން ސިޔާމް އިރުފުށި ރިސޯޓުގައި ހިންގާ "ދަ ސްޕާ ބައި ތަލްގޯ"އަށް ފަސް ތަރީގެ ސްޓޭންޑަޑް ލިބިި، ރާއްޖޭގެ އެންމެ ރަނގަޅު ސްޕާ ހޮޓެލްކަމުގެ އެވޯޑު ލިބޭނެކަން ކަށަވަރުވެއްޖެއެވެ.

އިންޓަނޭޝަނަލް ހޮޓެލް އެވޯޑްސް 2017ގެ ގާލާ މި މަހުގެ 26 ވަނަ ދުވަހު ތައިލެންޑުގެ ބެންގްކޮކްގައި އޮންނަ އިރު، ސަން ސިޔާމް ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރާއްޖޭގެ ބެސްޓް ސްޕާ ހޮޓެލްގެ އެވޯޑާއި، އިންޓަނޭޝަނަލް ފައިވް ސްޓާ ސްޓޭންޑަޑް، ސަން ސިޔާމް އިރުފުށި ރިސޯޓަށް ލިބޭކަން ކަށަވަރުވެފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް ހޮޓެލް އެވޯޑްސްއަކީ ދުނިޔޭގެ ހޮޓެލް ރޭޓުކުރުމުގެ ބައިނަލްއަގުވާމީ ފަސް ތަރީގެ މިންގަނޑެކެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ފަސް ތަރީގެ ޝަރަފު މިފަދަ ގޮތަކަށް އަރުވާ ހަމައެކަނި ފަރާތެވެ.

އިންޓަނޭޝަނަލް ހޮޓެލް އެވޯޑްސްއަކީ ދުނިޔޭގެ އެންމެ ރަނގަޅު ހޮޓެލްތަކާއި ހޮސްޕިޓެލިޓީ ކުންފުނިތަކުގެ މެދުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝަރަފުވެރިކުރުމަށް ދޭ އެވޯޑެކެވެ. މިކަން ކުރަނީ ބައިނަލްއަގުވާމީ ސްޓޭންޑަޑުތައް ކުރިއަރުވައި، ދެމެހެއްޓުމަށެވެ.

ސަން ސިޔާމް ގްރޫޕުން ބުނި ގޮތުގައި، ސަން ސިޔާމް އިރުފުއްޓަށް މި އެވޯޑު ލިބޭކަމީ އެ ރިސޯޓާއި އެ ރިސޯޓުގެ ސްޕާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

ސަން ސިޔާމް އިރުފުށީގެ "ދަ ސްޕާ ބައި ތަލްގޯ"އަކީ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ތަކެތި ބޭނުންކޮށްގެން ސްޕާ ޓްރީޓްމެންޓްސް ދޭ ސްޕާއެކެވެ.

ފްރާންސްގެ ބްރޭންޑެއްގެ ދަށުން ހިންގާ "ދަ ސްޕާ ބައި ތަލްގޯ"އަކީ ވަރަށް ތަފާތު ޓްރީޓްމެންޓުތަކެއްދޭ ސްޕާ އެކެވެ. އެތަނަކީ ރާއްޖޭގައި "ފިޝް ސްޕާ ތެރަޕީ" ދޭ ހަމައެކަނި ސްޕާ ކަން ފާހަގަ ކުރެވެއެވެ.

ދަ ސްޕާ ބައި ތަލްގޯއިންދޭ ޚިދުމަތްތަކުގެ ތެރޭގައި އެންޓި އޭޖިންގް ފޭޝަލްސް، ބޮޑީ ތެރަޕީސް، ސްލިމިންގް ޓްރީޓްމެންޓްސް، މަސާޖު ތެރަޕީސް، އާޔުރްވެދާ ޓްރީޓްމެންޓުތަކާއި، ޗައިނީޒް އަދި ދިވެހި ޓްރީޓްމެންޓުތައް ހިމެނެއެވެ.

އެތަނުގައި ސްޕާގެ ޚިދުމަތް ދޭ 20 ޓްރީޓްމެންޓް ރޫމް ހުންނަ އިރު، ހައިޑްރޯތެރަޕީ ޕޫލްއާއި، ސްޓީމް ރޫމްސް، ސައުނާސް ފަދަ ޚިދުމަތްތައް ވެސް ލިބެން ހުރެއެވެ.

މިދިޔަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ސްޕާ އެވޯޑްސްގައިވެސް ރާއްޖޭގެ އިތުރުން، އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ، ސަން ސިޔާމް އިރުފުށީގެ "ދަ ސްޕާ ބައި ތަލްގޯ"އަށް ލިބުނެވެ.