ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެރޭ ހައްޔަރުކުރުމަށްފަހު ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި އާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކުރީ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި އަމުރަކަށް އެދުމުން ނެރުނު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމަން އެދޭއިރު ޕްރޮސިކިއުޓާ ޖެނެރަލް އެދެން ނުޖެހޭނެ ކަމަށް އެ ހުކުމްގައިވެއެވެ.

ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.