02 May 2017, 14:37
ޔޫރޮޕާ ލީގުގައި އެންޑަލެކްޓް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޒްލަޓަން އިބްރަހަމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާ އޮޕަރޭޝަނަށްފަހު މުޅިން ރަނގަޅުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.
ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އިބްރަހަމޮވިޗްގެ އޮޕަރޭޝަން ކޮށްފައިވަނީ އެމެރިކާގެ ހޮސްޕިޓަލެއްގައެވެ.
އުމުރުން 35 އަހަރުގެ ކުޅުންތެރިޔާގެ އޭޖެންޓް ރައިއޯލާ ބުނީ އިބްރަހަމޮވިޗްއަށް ލިބުނު އަނިޔާއަކީ އޭނާގެ ކެރިއަރު އެއްކޮށް ނިންމާލަން ޖެހޭވަރުގެ އަނިޔާއެއް ނޫން ކަމަށާއި ވަރަށް އަވަހަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
މިސީޒަނުގައި ޔުނައިޓެޑާ އިބްރަހިމޮވިޗް ގުޅުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިސީޒަން ނިމުމުން އެ އެގްރީމަންޓް ހަމަވާއިރު، މުއްދަތު އިތުރު ކުރުމާ ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމައެވެ. ފްރާންސްގެ ޕީއެސްޖީން މިދިޔަ އަހަރު ޔުނައިޓެޑަށް ބަދަލުވުމަށްފަހު އިބްރަހަމޮވިޗް ވަނީ އެޓީމަށް މިހާތަނަށް 28 ގޯލު ކާމިޔާބުކޮށްދީފައެވެ.
އިބްރަހަމޮވިޗަށް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް ނުކުމެވޭނެ ދުވަހެއް ސީދާ ޔަގީން ނުވި ނަމަވެސް އޭނާ މިހާރު ގެންދަނީ ކަކުލުގެ އޮޕަރޭޝަން ކުރި އެމެރިކާގެ ހޮސްޕިޓަލުން އިތުރު ފަރުވާ އަދި ރިހެބެލިޓޭޝަން ހޯދަމުންނެވެ.