02 May 2017, 14:08
އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދައުވަތު ދީގެން ކޮންމެ އަހަރަކު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ، އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި އެތްލެޓިކް މުބާރާތުން މެޑަލް ހޯދުމަށްފަހު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ސާއިދު އެނބުރި މާލޭ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ސާއިދުއަށް މަރުހަބާ ކިޔުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ރާއްޖޭގެ އެތްލެޓީކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަހްމަދު ތޮލާލް، އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދިރާގުގެ ބައެއް އިސްވެރިން ވެސް ވަނީ ސާއިދަށް މަރުހަބާ ކިޔުމަށް ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައެވެ.
ސަތޭކަ މީޓަރު ދުވުމުގައި އޭޝިއާގެ 10 ގައުމަކުން 12 އެތުލީޓުން ވާދަކުރި އެ މުބާރަތުން ސާއިދަށް ލިބުނީ ލޯ މެޑަލެކެވެ. ސާއިދު ތިން ވަނަ ހޯދީ 10:40 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދަށް ވުރެ ފަސް ސިކުންތު ކުރިން ރޭސް ނިންމައިގެ އެ ރޭހުގެ އެއް ވަނަ ހޯދީ ޗައިނާގެ ޒޫ ހައިޔާނެވެ. ސާއިދަށް ވުރެ އެއް ސިކުންތު އަވަހަށް ނިންމައިގެން ދެ ވަނައަށް ދިޔައީ އިންޑޮނީޝިއާގެ ޔަސްޕީ ބޮބީ އެވެ.

ހަސަން ސާއިދު ލޯ މެޑަލްއާއެކު--
ސާއިދަށް ލޯ މެޑަލް ލިބުނު އިރު މިއީ އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ރާއްޖޭގެ އެތުލީޓަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ރާއްޖެދުށް އެންމެ ބާރު ދުވުންތެރިއާ އަދި މި ކާމިޔާބީ ހިމެނޭ ގޮތައް އެންމެ ކާމިޔާބު އެތްލީޓްވަނީ މީގެ ކުރިން ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދާފައެވެ. އަދި ސާއިދު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން ޖާގަ ހޯދާ މިހާތަނަށް ރާއްޖޭގެ އެއްވެސް އެތްލީޓަކަށް ނުހޯދޭފަދަ ވަނަތައް ހޯދާފައެވެ.