މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ދިނުމަށް އެދި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް 800 އަށް ވުރެ ގިނަ ސިޓީ ހުށަހަޅައިފި އެވެ.

ފުލުހުންގެ ހެޑްކުއާޓާ، ޝަހީދު ހުސަން އާދަމް ބިލްޑިންއަށް ސިޓީތައް ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ ސިޓީތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވާނީ ދަރިފުޅުގެ މަރުގެ ތަހުގީގު އަވަސްކޮށް ދިނުމާއި ބޭރުގެ ފަރާތްތައް ބައިވެރިކޮށްގެން ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ކުރީގައި ކަންކަން ވެފައި އޮތް ގޮތުން އަޅުގަނޑުމެނަށް މާ ބޮޑު ހިތްހަމެޖެހުމެއް ނެތް. އެހިންވީމަ އެކަމުގައި ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެކްސްޕާޓުން ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދަން އެދިފައިވާނީ،" އޭނާ ބުންޏެވެ.

ބޭރުގެ ފަރާތްތައް ތަހުގީގުގައި ބައިވެރިކޮށް ދިނުމަށް އާއިލާއިން އެދެމުންދާ ސަބަބު ބަޔާންކޮށް ރަޝީދު ބުނީ މީގެ ކުރިން ހިންގާފައިވާ މަރުގެ ބޮޑެތި މައްސަލަތަކުގައި ކުރިއެރުމެއް ލިބިފައި ނުވާތީވެ ޔާމީންގެ މަރަށް އިންސާފު ނުލިބިދިއުމަށް އާއިލާއިން ބޭނުން ނުވަނީ ކަމަށެވެ.

"އަބަދުވެސް ބެލޭނީ ކުރީގައި ކަންތައް ވެފައި އޮތް ގޮތަށް. ކުރީގައި ނަތީޖާއެއް ހޯދިފައި ނުވާތީވެ އަޅުގަނޑު ބޭނުމެއް ނުވޭ ނަތީޖާއެކާ ހަމައަށް ނުގޮސް އަޅުގަނޑުގެ ދަރިފުޅުގެ ކޭސް ނިމިގެން ދާކަށް،" ރަޝީދު ބުންޏެވެ.

ރަޝީދު ބުނީ ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ވަރަށް ބުރުކޮށް ތަހުގީގު ކުރަމުން ގެންދަވާ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް މީޑިއާއަށް އިނގޭ ވަރަށް މެނެވީ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

"އެބޭފުޅުން ވިދާޅުވި ވަރަށް ބޮޑަށް މަސަތްކަތް ކުރައްވާ ކަމަށް. ރެޔާ ދުވާލު ގާތްގަޑަކަށް 20 ވަރަކަށް ގަޑިއިރު މަސަތްކަތް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި،" އޭނާ ބުންޏެވެ.

ޔާމީންގެ މަރާ ގުޅިގެން ފުލުހުން ހިތްވަރު ދެމުން ގެންދަވާ ކަމަށް ފާހަގަކޮށް ރަޝީދު ބުނީ ދަރިފުޅުގެ ގާތިލުން އިންސާފުގެ ކުރި މައްޗަށް ގެނައުމުގައި ކާމިޔާބީ ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.