ތުޅާދޫ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ ހަމައެކަނި މެންބަރު އުމައިރާ އަބޫބަކުރު ކައުންސިލުން ވަކި ކުރި މައްސަލަ ކޯޓަށް ވައްދައި ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ފަސްކޮށް ދިނުމުގެ ކޯޓުގެ އަމުރަކަށް އެދޭނެ ކަމަށް ޑީއާރުޕީން މިއަދު ބުނެފި އެވެ.

މަގުބޫލު އުޒުރެއް ނެތި 10 ޖަލްސާ އަކަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށް ބުނެ ލޯކަލް ގަވާރުމެންޓް އޮތޯރިޓީގެ ލަފާގެ މަތިން އުމައިރާ ކައުންސިލުން ވަކި ކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އުމައިރާ ވަކި ކުރުމުން ވެސް އެކަމަނާ އޮފީހަށް ވަޑައިގަންނަވަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އޮގަސްޓް 20 ވަނަ ދުވަހު ތުޅާދޫގައި ބައި އިލެކްޝަނެއް ބާއްވަން އިއުލާންކޮށްފަ އެވެ.

އުމައިރާގެ މައްސަލައިގާ ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު އަދި ތުލުސްދޫ ދާއިރާގެ ވެސް މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ އުމައިރާގެ މައްސަލަ ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ވެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މައްސަލަ ކޯޓުން ވަކި ގޮތަކަށް ނިންމަންދެން ތުޅާދޫގެ ބައި އިލެކްޝަން ފަސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އުމައިރާ ކަނޑާ ލުމުގެ ނިޔަތުގައި ގަސްތުގައި ކޮށްފައިވާ ކަމެއް އެއީ. އަޅުގަނޑުމެންގެ މި މައްސަލަ ކޯޓަށް މި ލަނީ އެހެންވެ އިންސާފުހޯދަން. އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކަށް ވާނީ މި މައްސަލައިގާ ވަކިގޮތެއް ނިމެންދެން ބައި އިލެކްޝަން ފަސްކުރުން. އެ މައްސަލައިގާ ފޯމުތަށް ނިންމައި ދެތިން ދުވަހެއްގެ ތެރޭގައި އެ މައްސަލަ ކޯޓަށް ވައްދާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

ޑީއާރުޕީން އުމައިރާގެ މައްސަލަ ކޯޓަށް ލާއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވެފައި ވަނީ "ތުޅާދޫގެ ބައިއިލެކްޝަން ފަސްކުރެވޭނީ ގާނޫނީ ކޯޓަކުން" ކަމަށާއި "ކައުންސިލްގެ ގޮނޑިއެއް ހުސްވުމުން އެ މަގާމަށް މީހަކު އައްޔަން ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވާޖިބެއް" ކަމަށެވެ.
އިލެކްޝަންސްގެ އެވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވީ އުމައިރާ ކައުން ސިލުން ވަކިކޮށްފައި ވަނީ ލޯކަލް ގަވާރުމަންޓް އޮތޯރިޓީގެ އެންގުމަށް ނޫނަކަން އެ އޮތޯރިޓީން ބުނާ އިރު އަދި އަތޮޅު ކައުންސިލުން އެކަމަށް އިހުތިޖާޖު ކުރަމުން ދަނިކޮށް ބައި އިލެކްޝަން އިއުލާން ކުރުމަކީ އިލެކްޝަނުން ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"އެބޭފުޅުން އެގޮތަށް އަމަލުކުރެއްވީމާ ދެން ނިކުންނާނެ ނަތީޖާ އަކީ ކައުންސިލަކުން އަންގާއިރަށް އެގޮތަށް އެތައް ބައި އިލެކްޝަނެއް އިއުލާން ކުރެވިގެން ދާތަން. އަޅުގަނޑަށް ވެސް ހީވަނީ ކުރިއަށް އޮތްތާންގައި ކިތަންމެ ބައި އިލެކްޝަނެއް އިއުލާންކުރާނެހެން. މިކަން މިގޮތަށް ވެދާނެތީ އަޅުގަނޑުމެން ކަންބޮޑުވޭ. އިލެކްޝަންގެ ޒިންމާއެއް އެއީ މި މައްސަލައިގާ ހިޔާލުތަފާތުވުން އުޅޭ އިރު އެކަމުގައި ކޯޓަށް ދިޔުން،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލުން އުމައިރާ ވަކި ކުރީ ލޯކަލް ގަވާރުމެންޓް އޮތޯރީޓީގެ ލަފާގެ މަތިން ކަމަށް ބުނާ އިރު އެ އޮތޯރިޓީން ބުނެފައި ވަނީ އުމައިރާ ވަކި ކުރަން އެއްވެސް އިރެއްގައި އަންގާފައި ނުވާނެ ކަމަށެވެ. ބ. އަތޮޅު ކައުންސިލުން ވެސް ބުނަމުން އަންނަނީ އުމައިރާ ވަކިކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.