02 May 2017, 11:34
މި އަހަރުގެ ރަމަޝާން މަހަށް ޚާއްސަކޮށްގެން ބަދިގެ ސާމާނުތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސްއިން ފަށައިފި އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިން ފެށި އެ ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓާ އެކު، ސެންފޯޑް ބްރޭންޑާއި ފިލިޕްސް އަދި ފްލެމިންގޯ ބްރޭންޑުގެ ބަދިގެ ސާމާނުތައް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް ގޭސް އިން ބުންޏެވެ.
މޯލްޑިވް ގޭސްގެ މާކެޓިންގް މެނޭޖާ އައިމިނަތު މުހައްމަދު ސައީދު "ސަން" އަށް ވިދާޅުވީ މޯލްޑިވް ގޭސްގެ ހުރިހާ އައުޓްލެޓްތަކުން އެ ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮމޯޝަން ކުރިއަށްދާ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި 8:00 އިން 10:00 އަށް ހަބޭސް ބޮޑު ބެރުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
މިމަހުގެ 26ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ ތެރެއިން ހިންގާ ހަރަކާތްތައް އޮންނާނީ މޯލްޑިވް ގޭސް ޕާކާއި ހުޅުމާލޭ އައުޓްލެޓްގެ އިތުރުން ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ. އެ ތަންތަނުން ތަކެތި ގަންނަން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.