ފުލުހުންނަށް ކޮންމެހެން އެނގެންޖެހޭ އަސާސީ މައުލޫމާތާއި އެއްވުން ރޫޅާލުމުގެ ހުނަރުތަކާއި ހައްޔަރު ކުރުމުގެ އުކުޅު ދަސްކޮށްދޭ ކޯހެއް ފަށައިފި އެވެ.

"ޕަބްލިކް އޯޑާ ޓްރެއިނިން" ނަމުގައި ކުރިއަށް ގެންދާ އެ ކޯހުގައި 21 ފުލުހަކު ބައިވެރިވެ އެވެ. މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެއްމަސް ދުވަަހުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ އެ ޓްރެއިނިންގައި ބައިވެރިވާ ފުލުހުން ނިސްބަތް ވަނީ ޕޮލިސް އެކަޑީ އާއި މާލެ ކަސްޓޯޑިއަލް އާއި ދޫނިދޫ ކަސްޓޯޑިއަލް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށެވެ.

ޕޮލިސް އެކަޑަމީން އިސްނަގައިގެން ހިންގާ އެ ކޯހުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔަވައިދެވޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި ފުލުހުންނާއި ގުޅުން ހުރި ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭގޮތުން ވެސް ކިޔަވައިދިނިމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގައި ކިޔަވައިދެއްވަނީ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރާ މުދައްރިބުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ގާބިލް މުދައްރިބުން ކަމަށް ފުލުހުން ބުންޏެވެ.