ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ނުފޫޒު ފޯރުވުން ފަދަ ކޮރަޕްޝަންގެ މައްސަލައެއް އަދި ހުޅައަޅާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ.

ސަރުކާރުން ހިންގާ އެކިއެކި ޕުރޮޖެކްޓަތައް ޕީޕީއެމްގެ ކެންޑިޑޭޓުން ލައްވައި ފަށާތީ އެއީ އިންތިހާބަށް ނުފޫޒު ފޯރިވުން ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވި އެވެ.

އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެފަދަ މައްސަލައެއް މިހާތަނަށް އޭސީސީ އަށް ހުށައަޅާފައިނުވާ އިރު އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ.

"އިންތިހާބާ ގުޅިގެން ވެސް ކޮރަޕްޝަންގެ މައްސަލައެއް އޭސީސީގެ ސަމާލުކަމަށް އައިސްފި ނަމަ އަޅުގަނޑުމެން އެކަން ބަލާނަން، އިންތިހާބާ ގުޅިގެން އަދި ނާދެ،" މުއައްވިޒް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.