މަޖިލީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި ޑީއާރުޕީ ވެފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލައި ޒެޑް ފެކްޝަނާ އެކު މަސައްކަތް ކުރުމަށް ޕީއޭ އަށް ޒެޑް ޑީއާރުޕީން މިއަދު ގޮވާލައިފި އެވެ.

ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމު ރަމްޒްކޮށްދޭ ޒެޑް ފެކްޝަނުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ގެމެނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ ޑީއާރުޕީއާ އެކު ހަދާފައިވާ ކޯލިޝަންގައި ޕީއޭ ދެމިއޮތުން ރަމްޒުކޮށްދެނީ ޑީއާރުޕީން މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރަމުން އަންނަ ޣައިރުގާނޫނީ ކަންތައްތަކުގައި ޕީއޭ އިން ވެސް ބައިވެރިވުން ކަމަށާއި ކޯލިޝަން ރޫޅާލުމުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޕީއޭ އަށް ލިބޭނެ ކަމަށެވެ.

"އަހުމަދު ތަސްމީން އަލީ އާއި އަބްދުﷲ ޝާހިދު ބޭނުންކުރައްވާ ހަތިޔާރަކަށް ޕީއޭ މިއަދު ވެފައި މިވަނީ. ލީޑަރު ތަސްމީން ނެރުއްވާ ވިޕަކަށް ވޯޓު ދެނީ. ހަމައެކަނި ވޯޓުގެ ނަމްބަރު އިތުރުކުރުމަށް ޕީއޭ ބޭނުން މިކުރެވެނީ. ހަގީގަތުގައި ކޯލިޝަން މަސައްކަތެއް ނުކުރޭ. އެހެންވެ އަޅުގަނޑުމެން މަޝްވަރާކޮށްފައި މި ގޮވާލަނީ ޕީއޭ އަށް އެ ކޯލީޝަން އެއްބަސް ވުން ރޫޅާލަން. އަދި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރުމަށް،" އިލްހާމް ވިދާޅުވި އެވެ.
މައުމޫންގެ ކޮށްކޯފުޅު ޔާމީން ލީޑުކުރައްވާ ޕީއޭ އަށް ޑީއާރުޕީއާ އެކު ވެފައިވާ ކޯލިޝަން ރޫޅާލުމަށް ޒެޑް ފެކްޝަނުން މިއަދު ގޮވާލިއިރު ޕީއޭ އާ މަޝްވަރާއެއް ނުކުރާކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ" އަޅުގަނޑުމެން ވަރަށް އަވަހަށް (ޕީއޭ އާ އެކު) މަޝްވަރާ ކުރާނެ" ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތް ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް މިއަދު ވިދާޅުވީ މަޖިލީހުގައި ހިނގާދިޔަ ކޮމެޓީތަކުގެ މައްސަލާގައި ވެސް އެ މައްސަލަ ނިމިދިޔަ ގޮތުން އެކަމުގެ ބަދުނާބު ޕީއޭގެ ބޮލުގައި ވެސް އެޅޭ ކަމަށާއި ޕީއޭ އަށް ލިބިފައިވަނީ ވެސް ކޮމެޓިޓަކުގެ ނިސްބަތުން މަދުއަޣުލަބިއްޔަތެއް ކަމަށެވެ.

"އެ ބޭފުޅުން (ޑީއާރުޕީން) ނެތް ޖަލްސާއެއްވެސް ބާއްވާފައި (ޕީއޭއާ އެކު). އަހުމަދު ތަސްމީން އަލީ އާއި އަބްދު ﷲ ޝާހިދު ބޭނުން ގޮތަކަށް ކަންތައްތައް މި ގެންދަނީ. އަޅުގަނޑުމެންނަށް އެހެންވެ މިފެންނަނީ ކޯލިޝަން ރޫޅާލުމުން އިދިކޮޅު ފަރާތްތަކަށް އިތުރު ކުރިއެރުމެކޭ ލިބޭނީ،" އަލީ އާރިފް ވިދާޅުވި އެވެ.

ޕީއޭއާ އެކު ގާތްގުޅުންތަކެއް ބާއްވަމުން އަންނަ ޒެޑް ފެކްޝަނުން ކޯލިޝަން ރޫޅާލުމަށް ޕީއޭއަށް މިއަދު ގޮވައިލި އިރު ޕީއޭގެ ކައުންސިލްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ޑީއާރުޕީއާ އެކު ވެފައިވާ ކޯލިޝަން ރޫޅާލުމަށް ޕީއޭ އިން އަދި ނުނިންމާ ކަމަށެވެ. ނަމަވެސް ޑީއާރުޕީއާ އެކުވެފައިވާ ކޯލިޝަން ކުރިއަށްދާ ގޮތް ވަރަށް ކައިރިން މޮނީޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.