02 May 2017, 09:04
ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ 16 ޖަމާއަތުން ކުރިމަތިލައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ސަން އަށް ވިދާޅުވީ އެކަމަށް ކުރިމަތިލީ 16 ފަރާތަކުން ކަމަށާއި އެ ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިވެލުއޭޓް ކުރަމުން ދަނީ، އެއަށް ފަހު ނިންމާނީ ކިތައް ފަރާތަށްތޯ މިފަހަރު ފުރުސަތު ދޭނީ،" އަހުސަން ވިދާޅުވި އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު ވަނީ 2000 ދިވެހިން ހައްޖަށް ގެންދިއުމުގެ ކޯޓާ ސައުދީއިން ދީފަ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހައްޖު ކޯޕަރޭޝަން އަށް ދޭއިރު އަނެއްބައި ދިނީ އަމިއްލަ ފަސް ޖަމާއަތަކަށެވެ.
އަމިއްލަ ޖަމާއަތްތަކުން ހައްޖަށް ގެންދިއުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނެގުމާއި ހައްޖުގެ އިންތިޒާމްތައް ދަށްވުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ އުސޫލެއް ވެސް އެކުލަވާލައިފަ އެވެ.