02 May 2017, 00:01
މި ޒަމާނުގައި ދުނިޔޭގައި އެންމެ ގިނަދުވަހު ދިރިހުރިކަމަށް ތާރީޚީ ގޮތުން ބެލެވޭ އިންސާނާ، އުމުރުން 146 އަހަރުގައި މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ސެންޓްރަލް ޖާވާއަށް ނިސްބަތްވާ، ސޮދިމެއްޖޮ ނުވަތަ، އެމްބާގޯޓޯ (ގްރޭންޑްޕާ ގޯޓޯ)ގެ އުފަންދުވަހުގެ ލިޔެކިޔުންތަކުން އޭނާ އުފަންވެފައިވާ ކަމަށް ދައްކަނީ 1870 ވަނައަހަރުގައެވެ. އެހެންނަމަވެސް އިންޑޮނޭޝިއާގެ ކަމާގުޅޭ ދާއިރާތަކުން އޭނާގެ ރެކޯޑުތައް ބަލަހައްޓަން ފަށާފައިވަނީ، 1900 ވަނަ އަހަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ބީބީސީން ބުނެފައި ވަނީ، ސޮދިމެއްޖޮއާ މީގެކުރީން ކުރެވިފައިވާ އިންޓަވިއުތަކާއި ފެންނާންހުރި ލިޔެކިޔުންތަކުގެ އަލީގައި އޭނާގެ އުމުރު ބެލެވިފައިވަނީ ސައްހަކޮށް ކަމަށެވެ.
ބަލިހާލު ބޮޑުވުމުގެ ސަބަބުން، ހޮސްޕިޓަލަށް ސޮދިމެއްޖޮ ގެންދެވުނީ އޭޕްރީލް 12 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ އެދުމުގެ މަތީން އޭގެ ހަ ދުވަސް ފަހުން ވަނީ އަނބުރާ ގެއަށް ގެންގޮސްފައެވެ.
"އޭނާ ހޮސްޕިޓަލުން ގެއަށް ގެނެވުނު ފަހުން ވަރަށް މަދުން ކައިބޮއި ހަދާފައި ވަނީ،" ސޮދިމެއްޖޮގެ ކާފަ ދަރިއެއް ކަމަށްވާ ސުޔަންޓޯ ބީބީސީއަށް ބުންޏެވެ.
"އޭގެ ފަހުން އޭނާ މަރުވުމާ ހަމައަށް ވެސް، ކެއިން ބުއިމަށް އޭނާ ދިޔައީ އިންކާރުކުރަމުން."

މި ޒަމާނުގައި ދުނިޔޭގައި ދިރިއުޅުނު ކަމަށް ބެލެވޭ އެންމެ ދުވަސްވީ މީހާ، އިންޑޮނޭޝިއާއަށް ނިސްބަތްވާ ސޮދިމެއްޖޮ ވަނީ އުމުރުން 146 އަހަރުގައި މަރުވެފައި --ފޮޓޯ: ބީބީސީ
ސޮދިމެއްޖޮ މަރުވުމުގެ ކުރީން، މީގެ އަހަރެއްހާ ދުވަސްކުރީން ބީބީސީން، އޭނާ އެހާ ގިނަދުވަހު ދުޅަހެޔޮކަންމަތީ ދިރިހުރުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ، އެއީ އޭނާއަށް ލިބުނު ލޯތްބާއި އަޅާލުން ކަމަށެވެ.
އޭނާ މަރުވުމާ ހަމައަށް ވެސް ދިރިއުޅެމުން އައީ، ހަތަރު އަނބިންނާއި އޭނާގެ އެއްބަނޑު އެއްބަފާ ދިހ ބެއިންނާއި އަދި ކާފަދަރީންނާއެކު އެވެ.
ސޮދިމެއްޖޮ ދިރިއުޅުނު އަވަށުގައި އޭނާ މަޝްހޫރުވެފައި ވަނީ، ހޮލެންޑުގެ އަޅުވެތިކަމުގައި އިންޑޮނޭޝިއާ އޮތް ދުވަސްވަރާއި، ޖަޕާނާ ދެކޮޅަށް އިންޑޮނޭޝިއާ ކުރި ހަނގުރާމައިގެ ވާހަކަތައް ކިޔައިދޭ 'ބަޠަލެއް'ގެ ގޮތުގައެވެ.
ސޮދިމެއްޖޮގެ ކާފަދަރި ސުރްޔަންޓޯއާ ބުނީ، ހޯމަދުވަހުގެ އޭނާގެ ކާފަގެ ޖަނަޒާގެ ކަންތައް ކުރިއަށް ގެންގޮސް ވަޅުލާފައި ވަނީ މީގެ އެތަކެއް އަހަރު ކުރީން، އެ އަވަށުގެ ގަބުރުސްތާނަކުން ކާފަ ގަނެފައިވާ ތަންކޮޅެއްގައި ކަމަށެވެ.
މިނިވަން ގޮތެއްގައި ހެދިފައިވާ ސައްހަ ދިރާސާތަކަށް ބަލާއިރު، މި ޒަމާނުގައި އެންމެ ގިނަ ދުވަހު ދިރިއުޅުނުކަމަށް ބެލެވޭ ފްރާންސްގެ އަންހެނެއް ކަމަށްވާ ޖީން ކަލްމެންޓަށްވުރެ ސޮދިމެއްޖޮގެ އުމުރު ދިގެވެ. ޖީން ކަލްމެންޓް މަރުވީ އުމުރުން 122 އަހަރުގައެވެ.
ޕާކިސްތާނުގެ ހުންޒާ ގަބީލާގެ މީހުންނަކީ، އެމީހުންގެ އެވްރެޖް އުމުރު 120 އަހަރުކަމަށް ދައުވާކުރާ ބައެކެވެ. އެމީހުންގެ ތެރޭގައި އުމުރުން 160 އަހަރުން މަތީގެ އެތައް ބަޔަކު މިހާރުވެސް އެބަ ތިބިކަމަށް ބުނެއެވެ. އެހެން ނަމަވެސް މި މީސްމީހުންނަކީ އެމީހުން އުފަންވި ދުވަސް ރަސްމީ ލިޔެކިޔުންތަކުން ސާބިތުކުރެވޭ ބައެއް ނޫނެވެ. ހުންޒާއިންގެ އުމުރު ދިގުވުމުގެ ސިއްރަކީ، އެމީހުންގެ ކެއުން ބައްޓަންކޮށްފައިވާ ގޮތްކަމަށް ބުނެ އެކަމާ ބެހޭ ދިރާސަތައް ކުރެވި، ޑޮކިއުމެންޓަރީތައް ދަނީ ހެދެމުންނެވެ.