މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އިސްލާހުތަކެއް ހުށަހަޅައި، އެކަންކަން ފާސްކުރުމަށް އެކުންފުނީގެ ހިއްސާދާރުންގެ ޚާއްސަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި ޖަލްސާ އޮންނާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ރޭ 9:00 ގައި، ހޮޓެލް ޖެންގެ ބޯލް ރޫމްގައެވެ.

އެމްޓީސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، "ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ"ގައި ނިންމާ ކަންކަމުގެ ތެރޭގައި، ހިއްސާގެ މޫނުމަތީ އަގު ދަށްކޮށް، ރައިޓްސް އިޝޫކުރުމަށްޓަކައި ކުންފުނީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ފާސްކުރުން އޮންނާނެއެވެ.

އެ ޖަލްސާއިން ގަރާރު ފާސްވެއްޖެ ނަމަ، އެކުންފުނީގެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަވެ، އެއް ހިއްސާއަކީ 10 ހިއްސާ ކަމުގައި ވާނެއެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް ރައިޓްސް އިޝޫކުރުމަށެވެ.

މީގެ އިތުރުން އެކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށްޓަކައި، ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތައް ފާސްކުރުންވެސް އޮންނާނެއެވެ.

އެމްޓީސީސީން ވަނީ، ކުންފުނީގެ ހިންގާ ގަވައިދު ނުވަތަ އާޓިކަލްސް އޮފް އެސޯސިއޭޝަނަށް ވެސް ގިނަ އިސްލާހުތަކެއް ހުށަހަޅައިފައެވެ. އެ އިސްލާހުތަކުގެ ތެރޭގައި، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު 10 އަކުން ހަތަކަށް މަދު ކުރުމާއި، ސާކިއުލާ މެދުވެރިކޮށް ބޯޑު ޑިރެކްޓަރުން ގަރާރުތައް ފާސްކުރުމާއި، އަހަރީ އާންމު ޖަލްސާތަކުގައި ޕްރޮކްސީންނަށް ތަމްސީލުކުރެވޭ ހިއްސާދާރުންގެ އަދަދު، 500 އިން 100 އަށް މަދުކުރުން ހިމެނެއެވެ.

ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެެރިވާ ހިއްސާދާރުން ރަޖިސްޓްރީވުން، މެއި 15 ވާ ހޯމަ ދުވަހުގެ ރޭ 9:00 ގައި އޮންނަ ޖަލްސާގެ ފެށުމުގެ ކުރިން، 8:00 އާއި 8:45 އާ ދެމެދު ކުރިޔަށް ދާނެއެވެ.

އެމްޓީސީސީއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަނީ ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމައިފައެވެ.

އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު އަދި އިއުލާނުކޮށްފައެއް ނުވެއެވެ.