ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރުކޮށްފައިވާކަން އާއިލާއަށް އެންގީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު އެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު، ފުލުހުން ވަނީ މިއަދު މެންދުރު އޭނާ ދިރިއުޅެމުން އަންނަ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.

އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގަ އެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށް ފަހު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ތޮތްޕެއް ވެސް ހިމެނެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޔާމީން މަރާލުމުގެ ޖަރީމާގައި ކޮން ގޮތަކަށް ބައިވެރިވިކަމުގެ ތުހުމަތު ކަމެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ.