އާސެނަލްގެ ދެތަރިންކަމަށްވާ ސެސް ފެބްރިގާސް އާއި ސާމިރް ނަސްރީ ކްލަބުގައި ބެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާނެ ކަމަށް އެ ޓީމުގެ ކޯޗް އާސީން ވެންގާ ވައުދުވެއްޖެ އެވެ. އާސެނަލް ދޫކޮށް ދިއުން ދެން އެންމެ ގާތީ މިދެކުޅުންތެރިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންދެ އެވެ.

އާސެނަލްގެ ކެޕްޓަން ފެބްރިގާސް ބާސެލޯނާއަށް ގުޅުމާ މެދު މިހާރު ސުވާލު އުފެދިފައިވާ އިރު ނަސްރީއަށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ 20 މިލިޔަން ޕައުންޑްގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

"އަހަރެމެންގެ އިދިކޮޅު ޓިމަކީ އަބަދު ވެސް އެއްބައެއް. އަހަރެމެން ޓީމުގައި ފެބްރިގާސް ބަހައްޓަން ވަރަށް މަސައްކަތްކުރާނަން. ހަމަ އެގޮތަށް ނަސްރީ ބެހެއްޓުމަށް ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން." އާސެނަލް ކޯޗް ވެންގާ ބުންޏެވެ.

އާދީއްތަ ދުވަހު އާސެނަލްގެ ޓީމާ އެކު ނަސްރީ މެލޭޝިޔާއަށް ކުރާ ދަތުރުގައި ބައިވެރިވާ އިރު ކެޕްޓަން ފެބްރިގާސްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލައަކުން ދަތުރުނުކުރެވޭނެ ކަމަށް ކޯޗް ވެންގާ ހާމަކުރި އެވެ.
"އަހަރެމެން މިދަތުރުގައި އަހަރެމެންގެ އެންމެ ވަރުގަދަ ސްކޮޑް ގެންދެވޭތޯ މިމަސައްކަތްކުރަނީ. ފެބްރިގާސްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލައާކާއިހެދި އޭނާ މިދަތުރަކު ބައިވެރިއެއް ނުވާނެ. އެމެނުއެލް އެބޯވެސް ދަތުރުކުރާނެކަމާއިމެދު މިހާރުވަނީ ސުވާލުއުފެދިފަ. އޭނާއަށްވެސް ކުޑަ އަނިޔާއަކާއި ކުރިމަތިލާން ޖެހިފައިވޭ." ކޯޗް ވެންގާ ބުންޏެވެ.

އާސެނަލްއަށް ގެނެއުމަށް މަސައްކަތްކުރަމުންދާ ފްރާންސް ޓީމެއްކަމަށްވާ ލިލޭއަށް ކުޅެމުންދާ ޖާރވީނިއޯ ސޮއިކުރުމާއި ވަރަށް ކައިރީގާވާކަމަށާއި ސަޕޯޓަރުންގެ މާޔޫސްކަން އެނގާކަމަށްވެސް ކޯޗް ވެންގާ ހާމަކުރިއެވެ.

"ޖާރވީނިއޯ ގެނެއުމަށް ވަރަށް މަސައްކަތް އެބަކުރަން. އޭނާ ސޮއިކުރުމާއި ވަރަށް ގާތް. އަހަރެންނަށް އެނގެ ސަޕޯޓަރުން ވަރަށް މާޔޫސްވެފައިވާކަން. ފެބްރިގާސްއާއި ނަސްރީ ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވަޢުދުވަން. ކޮންމެ ޓީމެއްވެސް ބޭނުންވާނެ މޮޅެތި ކުޅުންތެރިން. އަހަރެމެންވެސް ކުޅުންތެރިން ހޯދަން އެބަ މަސައްކަތްކުރަން" ކޯޗް ވެންގާ ބުންޏެވެ.

އާސެނަލްގެ ޑިފެންޑަރު ގާލް ކްލިޗީ މެންޗެސްޓާ ސިޓީއަށް ބަދަލުވެފައިވާއިރު އާސެނަލް އިތުރު އެހެން ކުޅުންތެރިއެއް އަދިވެސް ގެނެވިފައެއް ނުވެއެވެ. އާސެނަލްއަށް އިތުރު މޮޅު ދެކުޅުންތެރިން ގެނެއުމަށް މަސައްކަތްކުރާނެކަމަށްވެސް ކޯޗް ވެންގާ ހާމަކޮށްފައެވެ.