01 May 2017, 15:52
ދިއްލީ (މޭ 1): އިންޑިއާގެ އައްސާމް ސްޓޭޓުގައި ގެރިއެއް ކަތިލުމަށްޓަކައި ގެރިއެއް ވަގަށް ނަގަން މަސައްކަތް ކުރި ކަމަށް ބުނެ ދެ މުސްލިމުންނަށް ހަމަލާދީ މަރާލައިފި އެވެ.
އައްސާމްގެ ނަގޮން ޑިސްޓްރިކްޓުގައި ހިނގި އެ ހާދިސާގައި ބަޔަކު ވަނީ އެ ދެ މީހުންނަށް ދަނޑިބުރި އާއި ގަލުން ހަމަލާދީފަ އެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންނަށް ދެވުނު އިރު އެ ދެ މީހުންގެ ހާލު ވަރަށް ދެރަވެފައި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރު ދެ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އައްސާމްގެ ސީނިއާ ޕޮލިސް އޮފިޝަލް މުކޭޝް އައްގަރުވަލް ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ އިރު، އެހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ހިންދޫ ދީނުގައި މާތް އެއްޗެއް ކަމަށް ދެކޭ ގެރި ކަތިލުމަކީ އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި މަނާ ކަމެކެވެ. އަދި ޖޫން މަހު ގުޖުރާތުން ވަނީ ގެރި ކަތިލާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރެވޭ ގާނޫނެއް ފާސްކޮށްފަ އެވެ.
ީމީގެ އިތުރުން، އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ރައްކާތެރި ކުރުމަށް ކަމަށް ބުނާ ގުރޫޕުތައް ވެސް ހަރަކާތްތެރިވެ އެވެ. އެ ގުރޫޕުތަކުން ގެރި ކަތިލަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ނުވަތަ ގެރީގެ ވިޔަރާފި ކުރާ މީހުންނަ އަނިޔާކޮށް ހަދަ އެވެ. (ބީބީސީ)