01 May 2017, 15:00
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ ސާފު ފައިދާ 85 ޕަސެންޓު ދަށްވެއްޖެ އެވެ.
އެ ކުންފުނިން ހާމަ ކޮށްފައިވާ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގްރޮސް ޕްރޮފިޓް ނުވަތަ، ޚަރަދާ ނުލައި ކުންފުންޏަށް ލިބިފައިވަނީ 51 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. ކުންފުނީގެ ޚަރަދު 33.8 މިލިއަން ރުފިޔާއަށް އަރާފައިވާއިރު މާލީ ޚަރަދު ވަނީ 11.5 މިލިއަން ރުފިޔާއަށް އަރާފައެވެ.
އެހެނިހެން ގޮތް ގޮތަށް ލިބުނީ 1.1 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ޓެކްސްގެ ގޮތުގައި މީރާއަށް އެއް މިލިއަން ރުފިޔާ ދައްކާފައިވާއިރު ހުރިހާ ޚަރަދަކަށްފަހު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 5.8 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ސާފު ފައިދާގެ މިންވަރަކީ އޭގެ ކުރީ ކުއާޓަރުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުންޏަށް ލިބުނު 40.8 މިލިއަން ރުފިޔާގެ 85 ޕަސެންޓު ދަށް އަދަދެކެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ފައިދާ މަދުވި އިރު މިދިޔަ އަހަރުގެ ނިޔަލަށް ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 104 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފައިދާއިން ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ނިންމާފައި ވަނީ ހިއްސާއަކަށް 24 ރުފިޔާއެވެ. އެގޮތަށް ނިންމީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑް މީޓިންގައި ހުރިހާ ޑިރެކްޓަރުންގެ އިއްތިފާގުންނެވެ.