ހުޅުލެ އާއި މާލެ އާއި ދޭތެރޭ ދަތުރުކުރާ ފެރީތަކުގެ ޓިކެޓުގެ އަގު ބޮޑު ނުކުރެވޭނެ ކަމަށް ޓުރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތުން ޖީއެސްޓީ ނަގާތީ މިހާރު 10 ރުފިޔާ އަށް ވިއްކާ ޓިކެޓެއް 11 ރުފިޔާ އަށް ވިއްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު މިއަދު ސަން އަށް ވިދާޅުވީ އެއެސޯސިއޭޝަނުން އެގޮތަށް ނިންމާފައި ވަނީ އެ އޮތޯރިޓީގެ ހުއްދައަކާ ނުލައި ކަމަށާއި އެގޮތަށް އަގުބޮޑު ނުކުރެވޭނެ ކަމަށެވެ.

"ޓްރާންސްޕޯޓް 10 ރުފިޔާއަށް ވުރެ އަގު ބޮޑު ނުކުރެވޭނެ، ހުއްދަ ދީފައެއްނުވާނެ،" މަހުދީ އިމާދު ވިދާޅުވި އެވެ.

ހިދުމަތް ދެމުން ދަނީ ޖީއެސްޓީ ހިމަނައިގެން ކަމަށާއި އިތުރަށް ފައިސާ ނުނެގޭނެ ކަމަށް މަހުދީ އިމާދު ވިދާޅުވި އެވެ. މާދަމާ އެ އެސޯސިއޭޝަންގެ މަސްއޫލުވެރިން އެ އޮތޯރިޓީއަށް ހާޒިރުކުރާނެ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.