އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ށ. ކަނޑިތީމުގައި އިމާރާތް ކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އެ މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކަނޑިތީމަށް ވަޑައިގަތުމަށް ފަހު، މިއަދުގެ މެންދުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު އިމާމްވެ މެންދުރު ނަމާދު ކުރެއްވީ މިނިސްޓަރެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ބިނާކޮށް "މަސްޖިދް އަށް ތައުބާ"ގެ ނަން ދީފައިވާ އެ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް އިމާރާތްކުރުމަށް 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ށ. ކަނޑިތީމުގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ/ އަލިފުޅު ތުއްތު ފައުންޑޭޝަން

ނަމާދަށް ފަހު ކަނޑިތީމުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިސްކިތް ބިނާ ކުރުމުގެ ބޭނުމަކީ ބިންމަތީގައި ނަމާދު ގާއިމްކޮށް، މާތްﷲ އަށް އަޅުކަން ކުރުމަށް ކަމަށެވެ. އަދި ނަމާދުން ދަސްކޮށްދޭ އަހުލާގީ އަދި ސުލޫކީ މާތް ސިފަތައް ދިރި އުޅުމުގެ އެހެން ކަންކަމުގައި ބޭނުންކުރަން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރަނގަޅު މުޖުތަމައުއެއްގެ ބިންގަލަކީ ރަނގަޅު އާއިލާއެއް. ރަނގަޅު އާއިލާއެއް ބިނާ ކުރުމަށްޓަކައި އަޅުނގަޑުމެން އެންމެންނަކީ ވެސް ނަމާދު ކުރާ، މިސްކިތްތަކާ ގާތް ބަޔަކަށް ވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ށ. ކަނޑިތީމަށް މިއަދު ވަޑައިގަތުމަށް ފަހު އެރަށުގައި "މުސްހަފް މާލްދީފް" ރަސްމީކޮށް ބައްސަވަން ވެސް ފެއްޓެވި އެވެ.