09 Jul 2011, 16:01
އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ފުޓްބޯޅަ އިން ރިޓަޔަރކޮށްފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފި އެވެ. ކަނަވާރޯ ރިޓަޔަރކޮށްފައި ވަނީ އޭނާ އަށް ދެން އިތުރަށް ނުކުޅެވޭނެކަން ޑޮކްޓަރުން ޔަގީންކޮށްދިނުމުންނެވެ.
އުމުރުން 37 އަހަރުގެ ޑިފެންޑަރު ކަނަވާރޯ އަށް މިއަހަރު ކުރީކޮޅު ޑުބާއީ އަށް ނިސްބަތްވާ ކްލަބެއްކަމަށްވާ އަލް-އަޚްލީއަށް ކުޅެނިކޮށް ކަކުލުގެ އަނިޔާއަކާއި ކުރިމަތިވެފަ އެވެ. މިއަނިޔާގެ ސަބަބުން ކަނަވާރޯގެ އަނިޔާ ދިރާސާކުރި ޑޮކްޓަރުންވަނީ އޭނާއަށް ދެން ކެރިޔަރާއިގެން ކުރިއަށް ނުދެވޭނެކަމުގެ ޔަގީންކަން އަރުވާފައިވެ އެވެ.
"އަހަރެން ވަރަށް ދެރަވަން. ފުޓްބޯޅައަކީ އަހަރެން ހަޔާތުގެ ހުރިހާ އެއްޗެއް." ކަނަވާރޯ ބުންޏެވެ.
ކަނަވާރޯ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އިޓަލީ ޓިމަށް ކެޕްޓަންކަންކޮށްދީ ވޯލްޑްކަޕް ތަށިވެސް ހޯދައިދީފަ އެވެ. އޭގެއިތުރުން އެ އަހަރުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ކަނަވާރޯ އެވެ. އިޓަލީގެ ކްލަބެއްކަމަށްވާ ޔުވެންޓަސް ދޫކޮށްލުމަށް ފަހު އަލް-އަޚްލީއާއި ގުޅިފައިވާ ކަނަވާރޯ ދެން ފެންނާނީ އެކްލަބުގެ ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގަ އެވެ.